މީހަކު އޭނާގެ ކުރީގެ އަންހެނުން ވިއްކާލާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދެއްކި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވީ، އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް އިއްޔެ ހެނދުނު ހުޅުމާލޭ ފޭސް 2ގެ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އޭނާގެ ކުރީގެ އަންހެނުން އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައިގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް އަދި އިންސާނީ ވަގުފާރި ހިންގާފައިވާކަމުގެ ތުހުމަތެއް ނުހިމެނޭކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކުރީގެ އަނބިމީހާއަށް ބިރު ދެއްކުމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ވަނީ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން އޭނާ ލައްވައި ހަށިވިއްކުވި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު 10 ދުވަހަށް ބަންދުކޮށްފައެވެ.

