1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން ކާމިޔާބުކަމާއެކު ނިމިގެންދިޔުމާ ގުޅިގެން، އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އަހަންމިއްޔަތާއި އެހީތެރިކަމަށް ޓަކައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައީސަށް ޝުކުރު އަދާކުރައްވައިފިއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ޝަހީމް ވަނީ، ރައީސް ޑރ. މުއިއްޒު ދިވެހި ޙާޖީންގެ ކަންކަން ފަސޭހަކަމާއި ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ހިތްވަރުދެއްވައި ވަރަށް ގާތުން އިރުޝާދާއި އެހީތެރިކަން ދެއްވިކަން ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި ރައްޔިތުންނަށް ޙައްޖުގެ މަތިވެރި އަޅުކަން ފަސޭހަކަމާއެކު އަދާކުރެވޭނެ ފުރިހަމަ އިދާރީ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައިވާކަން ޙައްޖު ކޯޕަރޭޝަނުން ކަށަވަރުކޮށްދީފައިވާ ކަމަށާއި، މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދިވެހިރައްޔިތުންނަށް ދެއްވުމަށް ސަޢޫދީ ސަރުކާރުން ނިންމެވި ނިންމެވުމަކީ މި ނިޒާމަށް ލިބިގެން ދިޔަ އިތުރު ފުރިހަމަކަމެއްކަން ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ފުރިހަމަކުރުމަށް ޓަކައި ޙައްޖު ކޯޕަރޭޝަނުން ކުރެއްވި މިންނެތް މަސައްކަތްތަކުގެ އަގުވަޒަންކޮށް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލާއި ކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުންނާއި ޙާޖީންގެ އެހީތެރިންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ހުރިހާ ސަފެއްގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށްވެސް ޝަހީމް ޝުކުރުއަދާކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓްރީގެ ޙައްޖާއި ޢުމްރާގެ ކަންކަން އިންތިޒާމްކުރާ ސެކްޝަންގެ އެންމެހައި މުވައްޒަފުންނާއި، ޙައްޖު މޫސުމުގައި މިނިސްޓްރީގެ ފަރާތުން މައްކާގައި ޤާއިމުކުރެވުނު ރާއްޖޭގެ ޙައްޖު މިޝަނަށް ޝުކުރުއަދާކުރެއްވިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ޚާދިމުލް ޙަރަމައިނިއްޝަރީފައިނި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށް ވަޒީރު ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. ސައުދީ ސަރުކާރުން ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ތާރީޚީ އަދި ޝަރަފުވެރި ނަމޫނާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު ޝަހީމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ ނިޒާމު އިތުރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުން ކަމަށެވެ. އަދި ޙައްޖުވެރިންނަށް ޚިދުމަތް ކުރުމުގެ މަތިވެރި މަސައްކަތުގައި މާތްﷲ ބަރަކާތްލައްވައި، ކާމިޔާބީ މިންވަރުކޮށްދެއްވުމަށް އެދި ވަޒީރު ދުޢާކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ސައުދީ އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 1,019 މީހުން ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވެފައިވާއިރު، މި އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ރޭ ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.

