ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ ބައިއިލެކްޝަންގައި އައްޑޫ ސިޓީގައި ބެހެއްޓި ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ
އަބްދުއްރަހީމް މިހެން ވިދާޅުވީ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަބްދުއްރަހީމް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ވޯޓްދެއްވި އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކެނޑިޑޭޓް އަޙްމަދު ސަޢީދު ކުރެއްވި މަސައްކަތާ ދެއްކެވި ހިތްވަރަށް ސާބަސްދެއްވައި، ކެމްޕެއިން ޓީމުގެ މަސައްކަތަށް ވެސް އެމަނިކުފާނު ވަނީ ތަޢުރީފު ކުރައްވާފައެވެ.
އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި 2028 ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ތިއްބެވީ ސާބިތު އަމާޒެއްގައި ގަދަކޮށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ށޯދިގް ސޯބެއެވެ. އޭނާ ވަނީ 51 އިންސައްތަ ވޯޓާއެކު ޖުމްލަ 1375 ވޯޓު ހޯއްދަވާފައެވެ. ވެރިކަން ކުރާ ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ލިބިވަޑައިގަތީ 48 އިންސައްތަ ވޯޓެވެ. އެއީ 1313 ވޯޓެވެ.
މި ނަތީޖާއާއެކު ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ސޯބެ ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. ނަމަވެސް އައްޑޫގެ ބައެއް ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯދާފައިވާތީ، އެއީ ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ޕާޓީގެ އިސްވެރިން ދަނީ ފާހަގަކުރަމުންނެވެ.

