ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ރައްކާތެރި ކާބޯތަކެތީގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަމަކީ ދެމެހެއްޓެނިވި ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ގިނަ ބަލިތަކަކީ، މައުލޫމާތާއި ހެކީގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ނިޒާމުތަކެއް މެދުވެރިކޮށް ހުއްޓުވިދާނެ ބަލިތަކެއް ކަމަށާއި، މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެ އެއްބާރުލުމާއެކު މަސައްކަތްކުރުމަކީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް ރައީސް ދެކިވަޑައިގަންނަވައެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ހުރިހާ ކާބޯތަކެއްޗަކީ ރައްކާތެރި، ފައިދާހުރި އަދި އިތުބާރު ހިފޭ ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ބޯޑަރުތަކުގައި ކާބޯތަކެތި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުން ހިމެނެއެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓަރކޮށް ތަހުލީލުކުރުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުމަށްވެސް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ރައީސް ވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނާއެކު ސަރުކާރުން ސާބިތުކަމާއެކު އޮތްކަން ހާމަކުރަމުން، ހާއްސަކޮށް ޣައްޒާގައި ނުރައްކާތެރި ކާބޯތަކެއްޗާއި ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން އިންސާނީ ތަހައްމަލުކުރުންތައް އިތުރުވަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މިފަދަ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ވަނީ ގޮވާލާފައެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތަބާވެ، އެކަކު އަނެކަކަށް އެއްބާރުލުން ދީގެން އެންމެނަށް ރައްކާތެރި މުސްތަގުބަލެއް ބިނާކުރެވޭނެ ކަމަށް މި މުނާސަބަތުގައި ސަރުކާރުން ބަޔާންކޮށްފައިވެއެވެ.

