އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް އޮފިސަރު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލައަކީ 2026 ޖޫން 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2026 ޖޫން 7 ވަނަ ދުވަހުއެވެ.
ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ނިމެންދެން އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާއިރު، އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ދަނީ ބަލަމުންނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރި ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެކެވެ.

