ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިން ތެރޭގައި ރޯދަ މަހު ދުވާލު ދަޅެއް ބުއި މީހަކު 11 ދުވަހަށް ޖަލަށް ލައިފިއެވެ.
ދައުލަތުން ލ. ގަން، ތުނޑި އަވަށުގެ މީހެއްގެ މައްޗަށް ކުރި ދައުވާއެއްގައިވާ ގޮތުން އެ މީހާ ވަނީ މި އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު، ހަވީރު 4:00 ހާއިރު، ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ޕީއާރްޔޫ ކައުންޓަރު ކައިރީގައި ހުރި ގޮނޑިއެއްގައި އިނދެ އެކްސެލް ދަޅެއް ބޮއެފައެވެ.
އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ރަމަޟާން މަހު ރޯދަ ނުހިފުމުގެ ކުށުގެ ދައުވާ އުފުލިއެވެ. ކްރިމިނަލް ކޯޓުގައި ދިފާއީ ވަކީލަކާ ނުލައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އެ މީހާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.
ގާނޫނުލްއުގޫބާތުގައި ކުށްތަކަށް ދަރަޖަ ދީފައިވާ ގޮތަށް ބަލާއިރު، ގަސްތުގައި ރޯދަ މަހު ރޯދަ ނުހިފުމުގެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަށް އޮންނަ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ނަމަވެސް، މި މައްސަލައިގައި ދައުވާ ލިބުނު މީހާ ކުށަށް އިއުތިރާފުވެފައިވާތީ ދައުލަތުން އެދިގެން ކުށުގެ ދަރަޖަ ދަށް ކުރަން މައްސަލަ ބެއްލެވި އިސް ގާޒީ އާދަމް މުހައްމަދު ނިންމެވިއެވެ. އެއާއެކު އޭނާގެ މައްޗަށް ކަނޑައެޅެން އޮތީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.
އިސް ގާޒީ އާދަމް މުހައްމަދު ނިންމެވީ، އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ 16 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު އުނިކުރުމުން ބާކީ އޮތް 11 ދުވަސް އޭނާ ޖަލުގައި ތަންފީޒުކުރަންޖެހޭނެ ކަމަށެވެ.

