ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ގާއިމުކުރުމަކީ ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ޝަޑީ ގަވަސްމީ ވިދާޅުވެއްޖެއެވެ.
ޕޭޕަލް ރާއްޖެއަށް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގަވަސްމީ ވިދާޅުވީ ފާއިތުވި 20 ވަރަކަށް އަހަރު ދުވަހު އުރީދޫ އިން މަސައްކަތް ކޮށްފައި ވަނީ ބައިނަލްއަގުވާމީ ގޮތުން ލިބެން ހުންނަ އެންމެ ފުރިހަމަ ޑިޖިޓަލް ހިދުމަތްތައް ރާއްޖެއާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
އުރީދޫއިން އަބަދުވެސް ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާކޮށް ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ގާއިމުކުރުމަކީ އެ މަގުން އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަަބަބުން އުރީދޫއިން ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާ ކަމަށް ގަވަސްވީ ވިދާޅުވިއެވެ.
ޑިޖިޓަލް ރާއްޖެއަކަށް ދަތުރުކުރަމުންދާއިރު މިއީ މުހިންމު ފިޔަވަޅެއް ކަމަށާއި ފަރުދުންނަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރު ފުރުސަތުތައް މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށް ގަވަސްމީ ވިދާޅުވިއެވެ.
ޕޭޕާލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް އުރީދޫއިން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު މިއީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އައި މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނީ 2024ގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތާއާރަފްކުރުމާއި، މާލީ މުއާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

