ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫޑަބްލިއުސީ މޯލްޑިވްސް އިން ހަތަރު ދަރިވަރަކަށް ސްކޮލާޝިޕް ދީފި

ޔޫޑަބްލިޔުޑީސީ މޯލްޑިވްސްގެ ސްކޮލަޝިޕް ލިބުނު ދަރިވަރުން / ފޮޓޯ: ޔޫޑަބްލިއުޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫޑަބްލިއުސީ މޯލްޑިވްސްއިން ރާއްޖޭގެ ހަތަރު ދަރިވަރަކަށް ބޭރު ގައުމުތަކުގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.

ސްކޮލާޝިޕް ލިބުނު ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ޖަޕާން، އަރުމީނިއާ އަދި އެސްވާޓީނީގައި ހުންނަ ޔުނައިޓެޑް ވޯލްޑް ކޮލެޖް (ޔޫޑަބްލިއުސީ) ތަކުގައެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ތައުލީމީ ގޮތުން ނަމޫނާ މުއައްސަސާއެކެވެ. މިގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެފަދަ 18 ކޮލެޖެއް ހުރިއިރު، އެ ތަންތަނުގައި ދަރިވަރުން ފުރިހަމަކުރާނީ ދެ އަހަރު ދުވަހުގެ އިންޓަރނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާއެކެވެ. އެއީ އޭ-ލެވެލްއާ އެއް ފެންވަރެއްގެ، ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކަކުންނާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެސް ބަލައިގަންނަ ސަނަދެއްކަން ފާހަގަކުރެވެއެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްއިން ސްކޮލާޝިޕަށް ހޮވިފައިވާ 4 ދަރިވަރުންނާއި އެ ދަރިވަރުން ކިޔަވަން ހަމަޖެހިފައިވާ ތަންތަން:

  1. ފާތިމަތު ސާޝާ ފަރުހަތު (ގާޒީ ސްކޫލް) ޔޫޑަބްލިއުސީ އައިސަކް، ޖަޕާން
  2. ފާތިމަތު ފާރިހާ ފަޔާޒް (އަމީނިއްޔާ ސްކޫލް) ޔޫޑަބްލިއުސީ ޑިލިޖަން، އަރުމީނިއާ
  3. ޖިއާން އަހުމަދު ސައީދު (އަމީނިއްޔާ ސްކޫލް) ޔޫޑަބްލިއުސީ ވޯޓަފަޑް ކަމްލަބާ، އެސްވާޓީނީ
  4. އާމިނަތު އުލާ އަހުމަދު (ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް)ޔޫޑަބްލިއުސީ ޔޫއެސްއޭ، އެމެރިކާ

ޔޫޑަބްލިއުސީ އިން ފޯރުކޮށްދޭ ތައުލީމަކީ ދަރިވަރުންގެ އަމިއްލަ ޝަހްސިއްޔަތު ބިނާކޮށް، ހުނަރުތައް ތަރައްގީކުރުމަށް ލިބޭ ތަފާތު އަދި އެހާމެ އަގުހުރި ފުރުސަތެއް ކަމަށް  ޔޫޑަބްލިއުސީ މޯލްޑިވްސްގެ ސިލެކްޝަންސް ކޯޑިނޭޓަރު އިޒްމާން ސުހައިލް ވިދާޅުވިއެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ޔޫޑަބްލިއުސީ ސްކޫލްތައް ތަމްސީލުކުރާ ގައުމީ ކޮމިޓީއެވެ. އެ ޖަމިއްޔާގެ ސްކޮލާޝިޕް ޕްރޮގްރާމް ކުރިއަށްގެންދަނީ އަލިފުޅު ތުއްތު ފައުންޑޭޝަނާއި ޔޫޑަބްލިއުސީ އިންޓަނޭޝަނަލް އޯގަނައިޒޭޝަނުގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މިއީ ގްރޭޑް 10 ނިންމާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ހުޅުވާލެވޭ ފުރުސަތެކެވެ.

2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް 70 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ވަނީ މި ސްކޮލާޝިޕްތަކުގައި ތައުލީމު ހާސިލުކޮށްފައިވާއިރު ޔޫޑަބްލިއުސީގެ ދެ އަހަރުގެ ދައުރު ފުރިހަމަކުރި ގާތްގަނޑަކަށް ހުރިހާ ދަރިވަރުންނަކީވެސް މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު ސްކޮލާޝިޕްތައް ކާމިޔާބުކޮށްފައިވާ ދަރިވަރުންކަން ފާހަގަކުރެވެއެވެ. އޭގެތެރެއިން ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރީ އެމެރިކާގެ ޔުނިވާސިޓީތަކުގައެވެ.

މި ސްކޮލާޝިޕްގެ ދަށުން މިހާރުވެސް ދިވެހި ތިން ދަރިވަރަކު ކެނެޑާ، އިންޑިއާ، އަދި ހޮންކޮންގްގައި ހުންނަ ޔޫޑަބްލިއުސީ ތަކުގައި ތައުލީމު ހާސިލުކުރަމުން އެބަދެ އެވެ. މީގެ އިތުރުން، ނިމިދިޔަ މޭ މަހު ޖަރުމަނާއި ޗައިނާއިން ކިޔެވުން ފުރިހަމަކުރި ދެ ދަރިވަރަކު ވަނީ، މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް އެމެރިކާގެ ޔުނިވާސިޓީތަކުން ކާމިޔާބުކޮށްފައެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްއާއި ބެހޭ އިތުރު މައުލޫމާތާއި ކޯހަށް ހުށައެޅުމުގެ ޝަރުތުތައް ސާފުކުރުމަށް ޔޫޑަބްލިއުސީގެ ރަސްމި ވެބް ސައިޓް www.mv.uwc.org އަދި ޔޫޑަބްލިއުސީ މޯލްޑިވްސް ނެޝަނަލް ކޮމިޓީގެ އީމެއިލް info.mv@nc.uwc.org އަށް މެސެޖު ކުރުމަށް ޔޫޑަބްލިއުސީން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: