ފުރާނަތައް ނުރައްކަލަކަށް ހުށަހެޅުން ގަބޫލު ނުކުރައްވާ ކަމަށާއި ދިވެހިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރަންޖެހޭ ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ގައްސާން މައުމޫން ވިދާޅުވީ އެއާޕޯޓާ، ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. އަދި ”އެ ފުރާނަތައް ރިސްކު ކުރުން ގަބޫލެއް ނުކުރަން“ ކަމަށް ގައްސާން ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެވެވޭނެ މަގުތައް ބަންދުކޮށް ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރަންޖެހޭ ކަމަށް ގައްސާން ވިދާޅުވިއެވެ.
ގައްސާނު ވިދާޅުވީ އެގޮތަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރަންޖެހެނީ، ނުކޮށް ދޫކޮށްލެވޭ އެންމެ ކަމަކުން މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއް ބޭކާރުވެދާނެ ކަމަށެވެ.
”ރާއްޖޭގެ ބޯޑަރުވެސް ބަންދު ކުރަންވީ، ނުކޮށް ދޫކޮށްލެވޭ އެންމެ ކަމަކުން މިހާތަނަށް ކުރެވުނު ރަނގަޅު މަސައްކަތްތައް ބޭކާރުވިޔަ ނުދެމާ“ ގައްސާން ވިދާޅުވިއެވެ.
ރާއްޖޭގައި އެއާޕޯޓާ ރިސޯޓްތައް ބަންދު ނުކުރިނަމަވެސް މިހާތަނަށް މުހިންމު ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ކޮވިޑް ނުރައްކަލުން ސަލާމަތްވުމަށް ބައެއް ގައުމުތަކުން ވަނީ ބައިނަލްއަގްވާމީ ދަތުރުތަކާއި، އެތެރޭގެ ދަތުރުތައްވެސް ހުއްޓާލާފައެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

