ކޯވިޑް-19 އާއި ގުޅިގެން، މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ( އެމްޑަބުލުއުއެސްސީ) އިން، މާލޭގެ ބައެއް ސަރަޙައްދުތަކުގައި އަތްދޮވެވޭނެ ސިންކުތަކެއް ބަހައްޓައިފިއެވެ.
ކޯވިޑް-19 ފެތުރެމުންދާތީ، އެ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން، ވީހާވެސް ގިނައިން އަތްދޮވެހެދުމަށް ޞިއްޙީ މާހިރުން އަންނަނީ ލަފާދެއްވަމުންނެވެ. މި ގޮތުން، އެމްޑަބުލިއުއެސްސީންވަނީ މާލޭގެ ތިން ސަރަޙައްދެއްގައި ސިންކުތައް ބަހައްޓާފައެވެ. އެއީ، ލޯކަލް މާރުކޭޓް ސަރަޙައްދާއި، މަސް މާރުކޭޓު ސަރަޙައްދާއި، ވިލިމާލޭ ފެރީ ޓާރމިނަލް ސަރަޙައްދުގައެވެ.
ރައްޔިތުން ޖަމާވެއުޅޭ މިފަދަ ސަރަޙައްދުތަކުގައި ސިންކުތައް ބަހައްޓާފައިވަނީ، ގިނަގިނައިން އަތްދޮވުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުންކަމަށް، އެމްޑަބްލިއުއެސްސީން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، އެމްޑަބްލިއުއެސްސީއިން ބުނީ މި ސިންކުތަކަކީ، އެ ކުންފުނީގެ ސީއެސްއާރުގެދަށުން ބަހައްޓާފައިވާ ސިންކުތަކެއްކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އެމްޑަބްލިއުއެސްސީއިން އަންނަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ގޮތުން ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހު، އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް ވިދާޅުވީ، 44،000 ކަސްޓަމަރުންނަށް އެއްޓަނުގެ ފެން ފޯރުކޮށްދިނުމަށް، ކުންފުނިން ތިން މިލިއަން ރުފިޔާ ޚަރަދުކުރާނެކަމަށެވެ. ނަމަވެސް، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ މުއްދަތުގައި ލިބޭ ބިލުން އެއްޓަނަށްވާ ފައިސާއުނިކުރާނޭ ކަމަށް ޝާޙް ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި، ސަރުކަރުންނާއި، އެކިއެކި ކުންފުނިތަކުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ސަރުކާރުން އިއްޔެވަނީ މުޅި މާލެ ޑިސްއިންފެކްޓްކުރުމުގެ މަސައްކަތްފަށާފައެވެ.

