ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ކަންކަން ކުރިއަށް ދަނީ ރައްޔިތުން އުންމީދު ކުރި ގޮތަށް ނޫން ކަމަށް ވިދާޅުވެ ސަރުކާރަށާއި ސިޔާސީ ލީޑަރުންނަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުވާދު ތައުފީގް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސަރުކާރަށާއި ސިޔާސީ ލީޑަރުންނަށް ފުވާދުގެ ފާޑުވިދާޅުވުން އަމާޒްވެފައި މިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ ދެ ވަނަ ދައުރަކަށް އަހުމަދު އަކަރަމް އައްޔަން ކުރުމަށް ފަހު އީސީގެ ނައިބް ރައީސްގެ މަގާމަށް ވެސް އަކްރަމް އައްޔަން ކޮށްފައިވަނިކޮށެވެ. އެގޮތުން އަކަރަމް އީސީގެ ނައިބް ރައީސްގެ މަގާމަށް އައްޔަން ކުރުމަށް ބޭއްވި ކޮމިޝަންގެ ޖަލްސާއަށް ވެސް ފުވާދު ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ސިޔާސީ ފަރާތްތަކުން ކޮށްފައިވާ ޓުވީޓްތަކަށް ހިޔާލްފާޅުކުރައްވާ ފުވާދު ވިދާޅުވީ ސިާސީ ލީޑަރުން ބޭނުން ވަނީ މިނިވަން މުއައްސަސާތަކަށް އެ މީހުން ބުނާހާ ގޮތަކަށް ކަންކަން ކުރާނެ ޕަޕެޓުން އައްޔަން ކުރުމަށް ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގައި ވެސް ކަންކަން ހިނގަނީ އެ މަގުން ކަމަށް ފުވާދު ވިދާޅުވިއެވެ.
https://twitter.com/FuwadThowfeek/status/1241645894631481346
މީގެއިތުރުން އަމިއްލަ ފަރާތަކުން ރައީސުލްޖުމްހޫރީއްޔާގެ އޮފީހަށާއި އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައެއްގައި ޖަވާބް ނުލިބި މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ ކޮށްފައިވާ ޓުވިޓަކަށް ވެސް ފުވާދު ވަނީ ހިޔާލްފާޅު ކުރައްވާފައެވެ.
އެގޮތުން ފުވާދު ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ވޯޓުލީ އިންސާފުގެ އުންމީދުގައި ތެދުވެރިކަމާއި އިހުލާސްތެރިކަން އަދި ކޮރަޕްޝަނަށް ޒީރޯޓޯލަރެންސް އޮންނާނެ ކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް 16 މަސް ފާއިތުވެގެން މިދިޔައިރުވެސް އެއިން އެއްވެސް ކަމެއް ކާމުޔާބް ވެފައި ނުވާ ކަމަށާއި އެއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް ފުވާދު ވިދާޅުވިއެވެ.
https://twitter.com/FuwadThowfeek/status/1241920722739449859
މިނިވަން މުއައްސަސާއެއްގެ މެމްބަރެއްގެ ގޮތުގައި އިންނަވައިގެން ފަހަކަށް އައިސް ފުވާދު ގެންދަވަނީ ސަރުކާރަށާއި ސިޔާސީ ލީޑަރުންނަށް ފާޑުވިދާޅުވަމުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ފުވާދު އިންނަވާއިރު ކޮމިޝަންގެ ނިންމުންތަކަށް ވެސް ސޯޝަލް މީޑިއާގައި ފުވާދު ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.
އެގޮތުން އިދާރީ ދާއިރާތައް ލާމަރުޖީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް މާލެ ސިޓީގެ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ގޮތާއި މެދު ވެސް ފުވާދު ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.
ފުވާދު ތައުފީގްއަކީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަންޗަންގޯލި ދެކުނު ދާއިރާއަށް ވެސް ވާދަ ކުރެއްވި ބޭފުޅެކެވެ. އަދި ފުވާދަ ތައުފީގްއަކީ 2013 ވަނަ ރިޔާސީ އިންތިހާބް ބޭއްވިއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމް ފުރުއްވަމުން ގެންދެވި ފަރާތެވެ.

