ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ އާދަ (ދެވަނަ ބައި)

ޝެއާރކޮށްލާ ކަހަލަދޯ؟

”ރަޙުމް ހިތުގާވެ އަނެކާއަށް ތިމާގެ ޙަޔާތް ހިލޭ ދެވުނަސް،
                 ފަހުން! ތެދެކޭ ހެވުގެ ބަދަލުގައި ”ބޮޑު ތެޔޮހަމެއް“ ދޭނޭ“
ގަހެއް ހައްދައި، ގަހުން ކެޔޮގަނޑު ނިކުމެ ފައްކާވެ ދޮންވީމާ
                ގަހުން ކެޔޮގަނޑު ކަނޑާލެވުމުން، ގަހުގެ ބޭނުން މި ކެނޑިދާނޭ
ނުލާހިކު ރީތި ފަތްތައް ”ފޮޅިފިހާން“ ބޭނުންވެ ހޯދާފާ
               ބަލާށޭ! ފިހެވުމުން ފަތްތައް އެކީ އުނދުނަށް އަޅާލާނޭ“

ޖުމްލަ މާނަ: މީހަކަށް ކިތަންމެ ރަޙުމްކޮށް، އެ މީހަކަށްޓަކައި ތިމާގެ ޙަޔާތް ހުސްކޮށްލިޔަސް، ކޮށްދިން ހެޔޮކަންތައްތަކުގެ ބަދަލުގައި ”ތެޔޮހަމެއް“ ނޫނީ ނުދޭނެއެވެ. ކެޔޮގަނޑު ކަނޑައިލީމަ ނިރުގެ ބެނުން ކެނޑިގެންދާފަދައިންނެވެ. ”ފޮޅިފިހާން“ ރީތި ފަތްތަކެއް ހޯދައިފާ ބޭނުން ކެނޑުނީމާ އެއްލައިލާ ފަތްތައް އުނދުނަށްލައި އަޅިއަށްލާފަދައިންނެވެ.

ޝަރަޙަ: އަނެކާގެ ފަރާތުން، ހެވެއް، ލިބޭނޭކަމަށް ހިތައިގެން ބައެއްމީހުން ކަންކަންކޮށްދެއެވެ. ރަޙުމާއި، ހަމްދަރުދީއާއި، ލޯތްބާއި، ކުލުނާއި އޯގާވެރިކަމާއެކު، އަނެކާއަށްޓަކައި ޙަޔާތުގެ ވަގުތުތައް ހޭދަކޮށްލައެވެ. ޖާނާއި މާލުން ފިދާވެއެވެ. ޙަޔާތުގެ ހުރިހައިކަމެއް ހުސްކޮށްލައިގެން، ޚިދުމަތުގައި ހުރެއެވެ. ނުކޮށްދޭކަށް ކަމެއް ނޯވެއެވެ. ބުނިކަމެއްކޮށްދީ، ބުނި އެއްޗެއް ހޯދައިދެއެވެ. އެހެންނަމަވެސް، ކޮށްދޭ ހެޔޮކަންކަމުގެ ބަދަލު، އަނެކާދެނީ ވަރަށް ވެސް ހިތިކޮށެވެ. ހެޔޮކަމެއްގެ ބަދަލުގައި ތެޔޮކަމެއް ނޫނީ ނުދެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ޝުކުރުވެރިވުމުގެ ކަންފުޅެއް ވެސް ނެތްތަނުގައި، ގެއްލުމެއްނޫނީ ނުދެއެވެ. ބޮލަށް ފައިންއަރައި ފިތާލައިފައި ފިލައި ރައްކާވެއެވެ. މި ގޮތުން، ދުނިޔަވީ މިސާލަކަށް ނަޒަރު ހިންގައިލާނަމަ، ރަޙްމަތްތެރިންނަށް ދޯކާދެނީ ކިތައް މީހުންތޯއެވެ. އަނބިމީހާ ފިރިމީހާއަށް، ފިރިމީހާ އަނބިމީހާއަށް ލަނޑުދީ ފިލީ ކިތައް މީހުންތޯއެވެ. ނުލާހިކު ލޯބިން އުޅެއުޅެ ހުއްޓާ، ފައިފުއްސަކަށް ހަދާލައިފައި ދިޔައީ ކިތައްމީހުންތޯއެވެ. ނުލާހިކު ރަޙުމްކޮށް ހޭހަންކޮށްދީ ހަދަމުންދަނިކޮށް، ތުންފުއްސަކަށް ހަދާލައިފައި އެއްލައިލީ ކިތައް މީހުންތޯއެވެ.

މިހިރަމިހިރަ މިސާލުތަކުގެ މައިގަނޑު ނުކުތާ ގެންނަވާފައި، ޝާޢިރު ދެން އެ ޖައްސަވަނީ މިސާލުތަކެކެވެ. ޝާޢިރު ވިދާޅުވި ފަދައިން، ކެޔޮގަނޑު ކަނޑައިލީމާ ނިރުގެ ބޭނުމެއްނެތެވެ. ތެދެކެވެ. އެ ނިރުގައި ދެން އިތުރު ކެޔޮގަނޑެއް ނާޅާނެއެވެ. މުސްކުޅިވެފައިވާ ނިރެއް ބޭނުންވާނީ ކާކުތޯއެވެ. ދެން ޝާޢިރި އެ ޖައްސަވާ މިސާލަކީ، ފޮޅި ފިހުމަށްޓަކައި، ހޯދާ ރީތި ފަތްތައް، ފޮޅި ފިހެނިމުމުން އުނދުނަށްއަޅާއިލާ ވާހަކައެވެ. އިހުޒަމާނުގެ ދިވެހިންނަކީ ތަފާތު ވައްތަރުގެ ފޮޅި ފިހުމަށްޓަކައި، އެކި ވައްތަރުވައްތަރުގެ ފަތް ހޯދައި، އެ ފަތް ބޭނުންކޮށްގެން ފޮޅިފިހެއުޅުނު ބައެކެވެ. މި ގޮތުން، ރީތިހެން ހީވަ ދިއްގާފަތާއި، ދުނބުރިފަތްފަދަ ފަތްފަތް، ބޭނުންކޮށް އުޅުނެވެ. އެހެންނަމަވެސް، ފޮޅިފިހެ ނިމުމުން، އެ ފަތްތައް އުނދުނުގެ އަލިފާންގަނޑުގެތެރެއަށް އަޅާލައެވެ. މި ބީދައިން ބަލާއިރު، އެ ދެ މިސާލުގައިވާ ފަދައިން ގިނަ މީހުންނަކީ، އެމީހެއްގެ ބޭނުންފުދުނީމާ އަނެކާއަށް ދެރަދީފައިދާ މީހުންނެވެ. މިއީ ހަމަ ދުނިޔޭގެ ޤާނޫނެވެ. ދުނިޔޭގެ އާދައެވެ.

 

                                                                  (ނުނިމޭ)

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: