މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ވަކި މީހަކަށް ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ކުރީގެ ނައިބް ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެތެރިވެ ވަޑައިގަންނަވާ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ބުދަ ދުވަހުގެ ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮރޯނާ ވައިރަސްއާއި ގުޅިގެން ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމާއި މެދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ރައީސް ސާލިޙް ވިދާޅުވީ ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ލުއި ގޮތްތަކެއް ހަދާދީ މާފް ދެވޭނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެން ކަމުން ކޮރޯނާ ވައިރަސްއާއި ގުޅިގެން ވަކި މީހަކަށް ވަކި ގޮތެއް ހައްދަވައި ދެއްވުމުގެ ވިސްނުން ސަރުގެ ނެތް ކަމަށެވެ.
ރައީސްގެ މި ވާހަތަކަށް ރައްދު ދެއްވައި ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއިރު އެމްއެމްޕީއާރްސީ މައްސަލައިގައި އަދީބު އާއި ޒިޔަތަށް އިއްވާފައިވާ ހުކުމް ގޭގައި ތަންފީޒް ކުރަމުން ގެންދާ ކަމަށެވެ.
އެހެން ކަމުން ވަކިމީހަކަށް ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ވިދާޅުވެ ރައީސް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އެގޮތުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ފިއްލަވަން މަސައްކަތް ކުރެއްވީ ގޭގައި ބަންދުކޮށްފައި ވަނިކޮށްކަން ޑރ ޖަމީލް ވަނީ ފާހަގަ ކުރައްވާފައެވެ.
https://twitter.com/MJameelAhmed/status/1242836993345634306
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތްތައް ވެސް ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ.

