”މަތީ ދަރަޖައިގެ ޝަރަފެއް، ޢިއްޒަތާ ލިބިގެން އުޅޭއިރުގާ
މަތީ ”އަތް އަތްމަތީ އުފުލައި“ ނިކަން ތަޢުރީފުކޮށްފާނޭ
ކުރިންއޮތް ޢިއްޒަތާ މަޤާމާ ގެއްލިގެން ދިޔުމުން
މުޅިން އަބުރާ ނަމާވެސް ”ހިރަފުހާއި ވެއްޔާއި، މޮޑެލާނޭ“
ޖުމްލަ މާނަ: މަތީ ޝަރަފާއި ޢިއްޒަތް ތިމާއަށް ލިބިގެންއުޅޭއިރު، ތަޢުރީފުކޮށް ހަދާނެ މީހުން ތިބިޔަސް، ކުރިން ތިމާ ހުރި މަޤާމު ނުވަތަ ތިމާޢަތް ލިބިފައި އޮތް ޢިއްޒަތް ގެއްލުމުން، ތިމާގެ ޢަބުރު ކަތިލައި ހަފުސްކޮށްލާފާނެތެވެ.
ޝަރަހަ: ކޮންމެ ޒަމާނަކަށްމަކާނަކަށް ބެލިޔަސް ފެންނަނީ، މަތީ މަޤާމުތަކުގައިތިބޭ މީހުންނަށް ތަޢުރީފުކޮށް ހަދާތަނެވެ. ޝަރަފާއި ޢިއްޒަތްލިބުނީމައި ހުޝާމަދުކުރަމުންދާ ތަނެވެ. ސަނާކިޔަމުންދާ މަންޒަރެވެ. އެފަދަ ދުވަހެއްގައި، އަތްތަކުގެ މަތީ އުފުލައި، ދެވަނައެއްނެތްކަމަށް ބުނާނެއެވެ. މިސާލެއް ވެސް ނުވާކަމަށް ބުނާނެއެވެ. ތިޔައީ ހަމަ ނަމޫނާއެއްކަމަށް ބުނާނެއެވެ. އެކި މާހައުލުތަކުގައި، އެކިއެކި މެހެފިލްތަކުގައި، އެކިއެކި ޖަލްސާތަކުގައި ޕޯޑިއަމްކައިރީހުރެ މީހަކު އަޖާއިބުވެ އަންތަރީސްވާ ދަރަޖައަށް ފޮނިފޮނި ބަސްތައް އަމުނާނެއެވެ.
މި ވާހަކައިގެ ތެދުކަން، މި ރާއްޖޭގެ އެކިއެކި ދިމާއަށް ނަޒަރު ހިންގައިލިޔަސް، ދިމާއަށް އެހުރީ ފެންނާށެވެ. ފެންނަމުންދަނީ ހަމަ މިބުނި މަންޒަރެވެ. އެހެނަސް ހާލަތުބަދަލުވުމާއެކު، ދެން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މަޤާމުގެއްލުމުން މަލާމާތްކޮށް ހަދާތަނެވެ. ޢިއްޒަތް ގެއްލުމުން ދުރުގައި ތިބެގެން އެއްޗެހި ކިޔާމަންޒަރެވެ. ޢަބުރަށް ހުތުރުއަރުވައި ޙަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކަމުންދާ ތަނެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ފެނިގެންދަނީ، ޢަބުރު ނަމާއި ހިރަފުހާއި ވެއްޔާއި މޮޑެލާ މަންޒަރެވެ. އެއްވެސް ޝައްކެއްނެތް ފަދައިން މިހިރަމިހިރަ ކަންކަމަކީ ދުނިޔޭގެ އާދައެވެ. ދުނިޔޭގެ ސުންނަތެވެ. ދުނިޔޭގެ ޤާނޫނެވެ.

