ކޮރޯނާ ވައިރަސް އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ރާއްޖެ ގެންނަން ނިންމި ނޭޕާލުގައި ތިބި ޑޮކްޓަރުކަން ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ނޭޕާލުގައި ތާށިވެފައި ތިބި ދަރިވަރުން ގެނެވެން އޮތީ ބޯޑަރު ހުޅުވުމުން ކަމަށާއި އަދި ބޯޑަރު ހުޅުވާލިހާ އަވަހަށް އެކުދިން ގެންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން ނޭޕާލް ވަނީ އެކީ ލޮކްޑައުން ކުރެވިފައެވެ. އަދި އެ ގައުމުގެ ހާލަތު ގޯސްވެދާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ މެޑިސިން ކިޔަވާ ދަރިވަރުން ނޭޕާލްގައި ތައުލީމް ފުރިހަމަކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. ސަރުކާރުން ވަނީ، އެ ގައުމު ލޮކްޑައުން ކުރުމާއި އެކު ނޭޕާލްގައި ތިބި ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަކަން ހާމަކޮށްފައެވެ. އަދި މިހާތަނަށް އެއްވެސް ދިވެއްސަަކަށް ގެއްލުމެއްވެ ރިޕޯޓެއް ލިބިފައިނުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ބޭރުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާއިރު އެކި ގައުމުތަކުން 70 އަށް ވުރެ ގިނަ ދަރިވަރުން ރާއްޖެ ގެނައި ފަހުން ނޭޕާލުގައި ތިބި 17 ދިވެއްސަކު އެ ގައުމުގައި ތާށިވީ ދެ ދުވަހެއްގެ މަތީން ގޮސްވެސް ނުފުރިގެންނެވެ. އަދި އެ ގައުމުގައި ކާފިއު އިއުލާނުކޮށްއެންމެ ފަހު ފްލައިޓު ކެންސަލްކޮށްފައިވަނީ ދަރިވަރުން ކަތަމަންޑޫއިން ދަތުރުކޮށް އައިސް އެއާޕޯޓުގަ ތިއްބައެވެ.
ސަރުކާރުން ބުނެފައިވަނީ ދަރިވަރުން ތިބީ ރަނގަޅު ހާލެއްގައި ކަމަށާއި، އެ ކުދިންގެ އެކޮމޮޑޭޝަން ހަމަޖައްސާފައިވަނީ އެއާޕޯޓާއި ކައިރި ހޮޓަލަކުން ކަމަށެވެ. ދިވެހިންތަކެއް ނޭޕާލްގައި ތާށިވެފައި ތިބެން ޖެހުމާއި ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދާއި ނޭޕާލުގެ ފޮރިން މިނިސްޓަރު ޕްރަދީޕް ގަވާލީއާ އެކު ވަނީ މަޝްވަރާތަކެއް ވެސް ކުރައްވާފައެވެ. އަދި މަޝްވަރާތަކަށްފަހު މައުލޫމާތުތައް ހިއްސާކުރައްވައި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޕާލުގެ ވައިގެ ސަރަހައްދާއި ބޯޑަރުތައް ހުޅުވާލިހާ އަވަހަކަށް 17 ދިވެހިން ރާއްޖެ ފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
https://twitter.com/abdulla_shahid/status/1242781676985442304
ނޭޕާލުގައި 17 ދިވެއްސަކު ރާއްޖެ ނާދެވި ތިބިއިރު އޭގެ ކުރިން ވަނީ ނޭޕާލުގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްފަ އެވެ. އަދި ޕާކިސްތާނުގައި ތިބި ހަ ދިވެއްސަކު ވެސް ދާދި ފަހުން ރާއްޖެ ގެނަ އެވެ. ނޭޕާލުގައި މިހާރު ބަންދު ކޮށްފައި އޮތީ ހަފުތާގެ މުއްދަތަށެވެ. އެ މުއްދަތުގައި ޑޮމެސްޓިކް އަދި ބައިނަލްއަގްވާމީ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.
ކޮރޯނާ ވައިރަސްގެ މައުލޫމާތު ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ ނޭޕާލްގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން 33 މީހަކު މިހާރު އައިސްފައިވާ ކަމަށެވެ. އެ މީހުންގެ އެހީތެރިކަން ހޯދާނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ބޭތިއްބުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. ނޭޕާލުގައި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒްވުމަށް ކިޔަވާ 40 އަށް ވުރެ ގިނަ ޑޮކްޓަރުން އެބަތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް ހިމެނެ އެވެ. އެ ދަރިވަރުންގެ ދެ ވަނަ ޓީމު މާދަމާ ރާއްޖެ އަންނާނެ އެވެ.

