ރޯޔަލް އައިލެންޑް ރިސޯޓުގައި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި އިތުރު ދިވެއްސަކު ކަމަށެވެ.
ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓުގައި ބަހައްޓާފައި ހުރި އެ ދިވެހި މީހާގެ ސާމްޕަލް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރުމުގެ އިތުރުން އެހެން ތަފްސީލެއް އެޗްޕީއޭ އިން ހިއްސާކޮސްފައެއް ނުވެއެވެ.
މިއީ ރާއްޖޭން އެ ވައިރަހަށް ޕޮޒިޓިވްވި ދެވަނަ ދިވެހި މީހާ އެވެ. އޭނާއަކީވެސް އިނގިރޭސި ވިލާތުން ރާއްޖެ އައި މީހެކެވެ. އޭނާ ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭ އިން ހާމަކުރީ މިދިޔަ ހުކުރު ދުވަހުއެވެ.
އޭނާގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނުމުން ސާމްޕަލް ޓެސްޓް ކުރިއިރު ޖެހިގެން އައި 26 ވަނަ ދުވަހު ނަތީޖާ ދެއްކީ ޕޮޒިޓިވް ކަމަށެވެ. އަދި އެ މީހާ މިހާރު ވަނީ އއ. ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފަ އެވެ.
މި މަހުގެ ހަތަކުން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 17 އެވެ. އޭގެ ތެރެއިން 15 މީހުންނަކީ ބިދޭސިންނެވެ. އަދި ދިވެހިންގެ އަދަދަކީ 2 އެކެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ޓޫރިސްޓަކު ވެސް ހިމެނެ އެވެ. އެއީ އައިލެންޑް ސަފާރީ-1 ގައި ތިބި މީހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވި ދެ ޓޫރިސްޓުންނާ ކްލޯޒްޑް ކޮންޓެކްޓް އެއް އޮތް ދެ މީހެކެވެ. މި ދެ ޓޫރިސްޓުން މިހާރު ވަނީ ރަޝިއާގައި ކަރަންޓީން ކޮށްފަ އެވެ.
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ ހަތަރު މީހަކަށެވެ. 11 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައި ވާއިރު އެމީހުން މިހާރު ތިބީ މޮނީޓާ ކުރުމަށް 30 ދުވަހުގެ ކަރަންޓީނުގަ އެވެ.

