ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީ ކޭސްއާއި އެކު އުސޫލަށް ބަދަލެއް: ކަރަންޓީނުން ދޫކުރާ އެންމެން ޓެސްޓު ކުރަނީ!

ކޮރޯނާ ވައިރަސްއާއި ގުޅިގެން އަމަލު ކުރަމުން އަންނަ އުސޫލުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ރިސްކު މީހުން ޓެސްޓުކޮށް، ނެގަޓިވް ނުވަނީސް ކަރަންޓީނުން ދޫނުކުރާ ގޮތަށް އަމަލު ކުރަމުން އައި އުސޫލަށް ބަދަލު ގެނެސް، ރާއްޖޭގައި ކަރަންޓީނުކުރާ ހުރިހާ އެންމެން ޓެސްޓުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އައިލޭންޑް ސަފާރީގައި ތިބި ދެ ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވީއިރު، ހައި ރިސްކް ކޮންޓެކްޓުވެ އެ ސަފާރީގައި ތިބި މީހުންގެ ތެރެއިން ކަރަންޓީން ކުރި މީހުންގެ ތެރެއިން ދެ މީހަކު އިޓަލީއަށް ދިއުމަށް ފަލައިޓުގައި ތިއްބައި ޕޮޒިޓިވްކަން އެނގުމާއި އެކު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެކަމާއި ގުޅިގެން ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް މައިމޫނާ އަބޫބަކުރު ވިދާޅުވެފައިވަނީ މިއީ ލިބުނު ފިލާވަޅެއްގެ ގޮތުގައި ނަގާ، ކުރެވުނު ކަންކަން ސަރުކާރުން އިސްލާހު ކުރައްވާނެ ކަމަށެވެ. ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިއަކު، ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ފުރުމުގެ ކުރިން ސާމްޕަލްއެއް ނެގިކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ހައި ރިސްކް މީހުން ފުރައިގެން ދިއުމުގެ ކުރިން ޓެސްޓުކުރާކަމަށާއި އަދި އެއީ ”ރީސާޗް“ ގެ ބޭނުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެެވެ.

މިއަދުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރާތް ކުރައްވާ ޑރ. އަލީ ލަތީފް ވިދާޅުވީ ބޭރުގެ އެކި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާއިރު، އެ މީހުން ކަރަންޓީންގެ މުއްދަތަކަށްފަހު ބައްޔަށް ޓެސްޓުކުރާނެ ކަމަށެވެ. ޑރ. ލަތީފު ވިދާޅުވީ އެކަމުގައި އަމަލުކުރި ގޮތް ތަފާތުވެފައިވަނީ ސަފާރީއަކުން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި ބަޔަކުގެ ކަރަންޓީނުގެ މުއްދަތު ގުނުމުގައި ކަމަށެވެ.

”ކަރަންޓީން ކުރުމަށް ފަހު 14 ދުވަސް ހަމަވީމަ އަޅުގަނޑުމެން މީގެ ކުރިން ޓެސްޓެއް ހަދާކަށް އެއްވެސް ޕްރޮޓޮކޯލެއް ނަހަދަން. އެކަމަކު ފާއިތުވެދިޔަ ތަނުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ކަރަންޓީނު ކުރާތާ 14 ދުވަސް ހަމަވުމަށް ފަހު ވެސް ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހު. އެހެން މި ހަދަނީ އަޅުގަނޑުމެންގެ އަތުގައި ޓެސްޓް ކިޓްތައް ވެސް ހުރުމާ އެކު.“ ޑރ. ލަތީފް

ކަރަންޓީނު ކުރުމަށްފަހު 14 ދުވަސް ހަމަކޮށް ޓެސްޓު ހެދުމުގެ އެއްވެސް ޕްރޮޓޮކޯލްއެއް ހަދާފައިނުވާނެ ކަމަށް މިއަދުގެ ޕްރެސްގައި ވަނީ ވެސް ތަކުރާރުކޮށްފައެވެ. ކަރަންޓީން ކުރެވޭ އުސޫލުން އެ މީހުން ބައިތިއްބާނީ ވަކިވަކި ކޮޓަރިތަކުގައިކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. ސާފާރީގައި ތިބި މީހުން ކަރަންޓީނުކުރުމަށް އެންގީ މި މަހުގެ 13 ގައި ކަމަށާއި އަދި އެ ދުވަހުން ފެށިގެން 14 ދުވަސް ގުނިކަމަށް ޑރ. ލަތީފް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އުސޫލަށް ބަލާއިރު އެ މީހުން ދޫކުރިއިރު 14 ދުވަސް ހަމަވާނެ ކަމަށް ވިދާޅުވިއެވެ.

”ސަފާރީ ބޯޓެއް ކަރަންޓީނު ކުރުމުގައި، އޭގައި ހުރި ޓޫރިސްޓަކު ޕޮޒިޓިވް ވުމާ އެކު ކަރަންޓީނު ކުރަން އެންގީ މި މަހުގެ 13 ގައި. ތާރީހު ގުނަން ފެށީ 13 ވަނަ ދުވަހުން ފެށިގެން. އެ އުސޫލުން 14 ދުވަސްކޮށްފައި އެ ޓޫރިސްޓް ދޫކޮށްލީ. އޭގެ ފަހުން އަޅުގަނޑުމެން އޭނާ ޓެސްޓް ހެދިން.“ ޑރ. ލަތީފް

އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މުއާޒް މޫސާ ވިދާޅުވީ، ދެން މިފަދަ ކޭސްއެއްގައި އަަމަލު ކުރަންވީ ގޮތް ވަރަަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެގޮތުން ހައި ރިސްކު ކޮންޓެކްޓުވެފައި ތިބި ބައެއް ނަމަ، ކަރަންޓީންކުރެވި އެ މީހުން ދޫކޮށްލާނީ ދުވަސް ހަމަވިޔަސް ޓެސްޓުތަކުގެ ނަތީޖާ ލިބުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުއާޒް ވިދާޅުވީ، ސާފާރީއެއްގެ ކޮންޓެކްޓްސްތައް ބަލާނީ ހައިރިސްކު ކޮންޓެކްޓުތަކުގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެއްވެސް ސަރަހައްދަކުން އިތުރު ސަފާރީއެއްގެ ކޭސްއެއް ފެނިފައިނުވާކަމަށް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ މީހުންގެ ސާމްޕަލް ކުރިން ނަގާފައިވަނީ މުސްތަގުބަލުގައި އަމަލު ކުރެވިދާނެ ގޮތެއް ދެނެގަތުމުގެ ބޭނުމުގައި ކަމަށެވެ. އެހެން ކަމުން މި ލިބުނު ފިލާވަޅާއި އެކު ހައިރިސްކު ކެޓަގަރީގެ ބައެއްގެ ގައިގައި ވައިރަހުގެ އެއްވެސް އަލާމާތެއް ނެތްކަން މީގެ ފަހުން ޔަގީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިލެންޑް ސަފާރީގައި ޖުމްލަ 32 މީހަކު ތިއްބެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ، އެ އެންމެންގެ ވެސް ޓެސްޓު ހަދައި ނަތީޖާ ލިބިފައިވާ ކަމަށެވެ. އަދި އިތުރު މީހެއްގެ ގައިގައި ބަލި ނެތް ކަމަށެވެ. ބޯޓުގެ ކްރޫއިންގެ ވެސް ސާމްޕަލް ނަގާފައިވާއިރު އަދި އެ ދެ މީހުންގެ ސާމްޕަލްއެއް ލިބިފައި ނުވެއެވެ. ޑޮކްޓަރ ގެ ވާހަކައިގައި ވަނީ މިހާތަނަށް އެޅުނު ފިޔަވަޅުތައް ރަނގަޅުކަމަށް ވިދާޅުވެފައެވެ. އަދި ކަންކަން ބަދަލުވާއިރު ޕޮލިސީތައް އަޕްޑޭޓުވަމުން ދާންޖެހޭކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކޮރޯނާވައިރަހަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 17 އެވެ. ފަރުވާ ހޯދަމުން އަންނަނީ ހަތަރު މީހެކެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ދިވެހިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: