މާލޭގެ ގެސްޓުހައުސްއެއްގެ ތެރޭ މަރުވެފައި އޮތްވާ ފެނުނު ބިދޭސީ މީހާ އޭޑީކޭއަށް ޑޮކްޓަރަށް ދެއްކި ކަމަށާއި، އޭނާ ގައިގައި ހުރީ ޑެންގޫ ހުމުގެ އަސަރުކަމަށާއި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އޭނާގެ ސާމްޕަލް ނަގާ ކޮރޯނާ ވައިރަހަށް ޓެސްޓު ކުރިއިރު ނެގެޓިވްކަމަށް ސަރުކާރުން ބުނެފިއެވެ.
މާލޭގެ ކާސިންޖީ މަގުގައި ހުރި ގެސްޓުހައުސްގައި ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނުނީ އާދީއްތަ ދުވަހުގެ ހެނދުނުއެވެ. އޭނާގެ މަރާއި ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު އެކި ވާހަކަތައް ވެސް ދެކެވުނެވެ.
ބިދޭސީ މީހާގެ މަރާއި ގުޅޭގޮތުން ފުލުހުން ބުނީ، އޭނާ މަރުވެފައި އޮއްވާ ފެނުނު ދުވަހުގެ ކުރީ ރޭ އޭޑީކޭއަށް ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހާއަކީ މ. ކޮޅުފުށިން އައި މީހެކެވެ.
ކުއްލި މަރެއް ރިޕޯޓު ކުރުމާއި ގުޅިގެން، އޭނާގެ ހަށިގަނޑު ގެންދިއުމަށް ހަރަކާތްތެރިވެފައިވަނީ ޕްރޮޓެކްޓިވް ގިއަރުގައެވެ.
ކޮރޯނާ ވައިރަސް އާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި ބަލިވެ އުޅޭތީ އޭޑީކޭ ހޮސްޕިޓަލަށް ދައްކާ ޓެސްޓު ހެދިއިރު އެއީ ޑެންގޫ ކަމަށެވެ. އަދި އިތުރު ޓެސްޓުތަކެއް ހެދުމަށް އޭގެ އަނެއް ދުވަހު ވެސް އައުމަށް ޑޮކްޓަރު ބުނި ކަމަށެވެ. މަބްރޫކް ވިދާޅުވީ ޔަގީން ކުރުމުގެ ގޮތުން އޭނާގެ ހަށިގަނޑުން ސާމްޕަލް ނަގާ ކޮރޯނާއަށް ޓެސްޓް ކުރެވުނުއިރު އެ ނަތީޖާ ނެގެޓިވް ކަމަށެވެ.

