މާލެއާއި، ވިލިމާލެއާއި ހުޅުމާލޭގެ މަގުތަކަށް ހަވީރުގަޑިގައި ނިކުމެއުޅުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޯވިޑް-19 އާއި ގުޅިގެން ޢާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އޅުމަށް މަގުފަހިކުރުމުގެ ގޮތުން، މާލޭގައި ( މާލެ، ވިލިމާލެ، ހުޅުމާލެ ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން، އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު މެންދުރު ބާރައިން ފެށިގެން ވަކިގޮތެއް އަންގަންދެން މަނާކޮށްފައިވާކަމަށެވެ.
މި ގޮތުން މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާއި ދެމެދު، މަގުމަތީގައި މީހުން އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ، ޕަބްލިކް ޓްރާންސްޕޯޓުގެތެރޭގައި ހިމެނޭ ބަހާއި، ފެރީގެ ޚިދުމަތް ހުއްޓައިލުމަށް ވެސް އަންގާކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ހަވީރު 17:00 އާއި، ރޭގަނޑު 20:00 އާއި ދެމެދުގެ ވަގުތުތައް ފިޔަވައި އެހެންވަގުތުތަކުގައި ވެސް، އެއްފަހަރާ 3 މީހުންނަށްވުރެ ގިނައިން މަގުމަތީގައި އެއްވެއުޅުން ހުއްޓާލުމަށް އަންގާކަމަށެވެ.
މި ފިޔަވަޅުއަޅަން ހަމަޖައްސާފައިވީ ނަމަވެސް، މި އިން އިސްތިސްނާވެގެންވާ ފަރާތްތަކާއި، އުޅަނދުފަހަރު ހުންނާނެކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
އިސްތިސްނާވާ ފަރާތްތަކާއި، އުޅަނދުފަހަރު:
1. ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
2. ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި، އެ ފަރާތްތަކުން ދުއްވާ އުޅަނދުފަހަރު.
3. ވެމްކޯގެ ޔުނީފޯމު އަޅަފައިވާ ޑިއުޓީ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
4. އުރީދޫ، ދިރާގު، ބޭންކްތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީގެ ޔުނީފޯމު އަޅަފައިވާ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
5. ދަޢުލަތުގެ (”ޖީ“ ބޯޑު ހަރުކޮށްފައިވާ ) އުޅަނދުފަހަރު.
6. ޑިޕްލޮމެޓިކް އުޅަނދުފަހަރު.
7. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް.
8. ފާރމަސީތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
9. އެޗްޕީއޭއިން ދޫކޮށްފައިވާ ޚާއްސަ ސްޓިކަރ ޖަހައިފައިވާ އުޅަނދުތައް.
އެޗްޕީއޭއިންވަނީ މި ހުރިހައި ފިޔަވަޅުތަކަށް ވެސް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކާއި އިދާރާތަކަށް ގޮވައިލާފައެވެ.
ކޯވިޑް-19 އަށް 3 ދިވެހިން ޕޮޒިޓިވްވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ގޮތުން އިއްޔެ ސަރުކާރުންވަނީ، ރިސޯޓުތަކާއި ސަފާރީތަކުން، އެހެން ރަށްރަށާދެމެދު ދަތުރުކުރުންއ ހުއްޓާލުމަށް އަންގާފައެވެ. މީގެ އިތުރުން، އަންނަ ހަފުތާގައި ސަރުކާރުގެ އޮފީސްތައް ނުހުޅުވުމަށާއި، މަދަރުސާތަކާއި، ޔުނިވަރސިޓީތަކާއި، ކޮލެޖުތަކުގެ ކިޔެވުން ބަންދުކުރުމަށް ވެސް ސަރުކާރުންވަނީ އިއްޔެ ނިންމާފައެވެ.

