މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް، އިދިކޮޅު ލީޑަރުގެ ފޮޓޯއަށް ބަލައިލަން ވެސް ކެތްނުވާކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އިދިކޮޅުގައި ތިބިއިރު ކޮންމެކަހަލަ ހުތުރު ކަމެއްވެސް ވެގެންދިޔައީ މިނިވަންކަމަށްކަމަށާއި، އެމްޑީޕީން މިހާރުވެސް ތިބީ ނޫސްވެރިންނާ މެދު ފިޔަވަޅުއަޅަން ކެތްމަދުވެފައިކަމަށެވެ. މީގެ އިތުރުން ޖަމީލު ވިދާޅުވީ، އެމްޑީޕީއަކީ ނަމުން ޑިމޮކްރެސީ، ކަމުން ޚުދުމުހުތާރު ޕާޓިއެއްކަމަށެވެ.
https://twitter.com/MJameelAhmed/status/1245220150510358533?s=20
ޖަމީލު މިހެން ވިދާޅުވެފައި މިވަނީ، އިއްޔެ ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްގެ ބެކްގުރައުންޑް ފުސްކުރުމަށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
މި ކަމާއި ގުޅިގެން ޝިޔާމް ވިދާޅުވެފައިވަނީ ބެކްގުރައުންޑްގައި ހުރީ، ސިއްހީ ދާއިރާގެ ބޭފުޅުންނަށް ޝުކުރުއަދާކޮށްފައިވާ ބެނާއަކާއި، ރާއްޖެއަށް ވަރަށް ޚިދުމަތްތެރި ރައީސެއް ދޫކޮށްލުމަށްއެދި ގޮވާލާފައިވާ ބެނާއެއްކަމަށެވެ. ޝިޔާމްގެ ވާހަކައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެއްވެސްކަހަލަ ލޯގޯއެއް ނުވަތަ ނިޝާނެއް، ނުވަތަ ޝިޢާރެއް، އެ ގޮތަށް ގެންގުޅުއްވުމަކީ މަޖިލީހުގެ ގަވާއިދު ހުއްދަކުރާ ކަމެއްނޫންކަމަށް މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ވިދާޅުވެފައިވާކަމަށެވެ.

