މިއަދަކީ، ކާފަރުން އެ ކިޔާ ”އޭޕްރީލް ފޫލްސް“ ދުވަހެވެ. މި ދުވަހަކީ، ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގައި ކުރާ ކަންތައްތަކުގެތެރޭގައި ހީ ސަމާސާކޮށް އަނެކުންނަށް ލަނޑުދީ ލަދުގަންނަވާ، ދޮގު ޚަބަރުތައް ފެތުރުން ހިމެނެއެވެ. ތާރީޚީގޮތުން މި ދުވަސް ފެށިފައިވާ ސަބަބު މުޅިއެކުން ސާފުނުވިޔަސް، ތާރީޚު ދިރާސާކުރާ މީހުން ދެކޭގޮތުގައި މި ދުވަސް ފެށުނީ ފަރަންސޭސިވިލާތުގައެވެ.
މިހާ ހިސާބުން، އަޅުގަނޑު މި ޖެހިލަނީ މީލާދީ ސަނަތުން 1500 އިގެ އަހަރުތަކާއި ހިސާބަށެވެ. މީލާދީން 1564 ގައި ފަރަންސޭސިވިލާތުގެ ކަލަންޑަރު ”ގްރެގޯރިއަން“ ކަލަންޑަރަށް ބަދަލުކުރެވިފައިވެއެވެ. ޤަދީމީ ކަލަންޑަރުގައި އާ އަހަރެއް ފެށެނީ މާޗްމަހުގެ 25 ވަނަ ދުވަހުއެވެ. މި ގޮތުން އާއަހަރުގައި ބޭއްވޭ މެހެފިލްތައް އޭޕްރީލްމަހުގެ 1 އާއި ހިސާބަށް ކުރިއަށް ގެންދެވެއެވެ. އެހެނަސް މިހާރުގެ ކަލަންޑަރުގައި އާ އަހަރު ފެށެނީ ޖެނުއަރީ 1 ވަނަ ދުވަހުގައެވެ.
އެހެންކަމަށްވުމާއެކު، އާ އަހަރުގެ މެހެފިލްތައް ޖެނުއަރީ 1 ވަނަ ދުވަހަށް ބަދަލުކުރެވުނެވެ. ޤަދީމީ ޒަމާނަކީ މުވާސަލާތީ ޚިދުމަތްތަށް ޢާންމުވެފައިވާ ޒަމާނަކަށް ނުވުމުން، އެތަކެއް އަހަރުތަކެއް ވަންދެން ކަލަންޑަރު ބަދަލުވިކަމުގެ ޚަބަރުނުލިބޭ މީހުން ފަރަންސޭސިވިލާތުގައި އުޅެމުންދިޔައެވެ. މި ޚަބަރު ނުލިބޭ މީހުން، އާ އަހަރު ފާހަގަކުރަމުންދިޔައީ އިސްވެ ދެންނެވި ފަދައިން މާޗް 25 އިން، އޭޕްރީލް 1 ވަނަ ދުވަހަށެވެ. ކަން މިހެން ހުރުމާއެކު، މިފަދަ މީހުންނާއި ދިމާއަށް ”ފޫލްސް“ އޭ ނުވަތަ ”މޮޔައިންނޭ“ ކިޔައި މަލާމާތްތައް ރައްދުވިއެވެ. އެންމެފަހުން މި ކަން ޢާންމުވެގެން ގޮސް، ”އޭޕްރީލް ފޫލްސް“ ދުވަހަށްވީއެވެ.
މި ދުވަހުގެ ޙަޤީޤަތާމެދު ބައެއްމީހުން ބުނަނީ، ”އޭޕްރީލް ފޫލްސް“ ފެށުނީ، ތަން ކޮޅެއް ކުރީ ޒަމާނެއްގައި ރަބީޢުމޫސުން ފެށުން ފާހަގަކުރުމަށްޓަކައި، މާޗް 21 ވަނަ ދުވަހުގައި ހިންގި ހަރަކާތްތަކަކާއި ގުޅުވައިގެންކަމަށެވެ. މި ގޮތުން ބަލާއިރު، ”ނޮދަން ހެމިސްފިއާ“ ގެ ޤައުމުތަކަށް ނުވަތަ ޔޫރަޕްގެ ބައްރުގައި ހިމެނޭ ޤައުމުތަކަށް ރަބީޢު މޫސުން ފެށެނީ މާޗް މަހުގެ 21 ވަނަ ދުވަހުގައެވެ.
ކޮންމެއަކަސް މިއަދު މި ދުވަސް ފާހަގަކުރެވިގެންދާއިރު، އަޅުގަނޑުމެންނަކީ މިފަދަ ދުވަސްތައް ފާހަގަކުރުމުން ދުރުވެގެންވާ ބަޔަކަށްވާންޖެހެއެވެ. ދޮގުހެދުމާއި، މަލާމާތްކުރުމާއި މިފަދަ ޢަމަލުތަކަކީ އަޅުގަނޑުމެންގެ ދީން، އަޅުގަނޑުމެންނަށް މަނާކުރާ ކަންތައްތަކެވެ. ބަޔަކު ގޮތަކަށް އުޅުނަސް އަޅުގަނޑުމެން އެ ގޮތަށް އުޅޭކަށް ވާޖިބެއްނޫނެވެ. މަޝްހޫރު މީހަކު ކުރާތީ، މަޝްހޫރު މީހަކު ބުނާތީ ކަންކަންކުރާ ބަޔަކަށްވުމުން އެއްކިބާވާންޖެހެއެވެ. އޭގެ ބަދަލުގައި، އަޅުގަނޑުމެން ”ކޮޕީ“ ކުރުން އައުލާވެގެންވާ، ”ކޮޕީ“ ކުރުން ވާޖިބުވެގެންވާ ބޭކަލަކު މި އުންމަތަށް ފޮނުއްވެވިއެވެ. އާދެ! އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަނީ، މަޖަލަށް ދޮގުހެދުމުން އަޅުގަނޑުމެން ދުރުވެގަތުމަށް އަންގަވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ދޮގުހެދުމާއި މަލާމާތްކުރުމާއި މިފަދަ ޢަމަލުތައް ނަހީކުރައްވާފައިވެއެވެ. ސޫރަތުލް ޤާފިރުގެ 28 ވަނަ އާޔަތުގައި ދޮގުހެދުމާއިބެހޭގޮތުން އެ އިލާހުވަނީ މެސެޖެއް ދެއްވާފައެވެ. ކަންމިހެން ހުރިއިރު ”އޭޕްރީލް ފޫލްސް“ ގައި، އަޅުގަނޑުމެން މޮޔައަކަށް ވާންވީތޯއެވެ؟
”… إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ“ (سورة غافر ٢٨) މާނައީ: “… ހަމަކަށަވަރުން އިސްރާފުކޮށް ގިނަގިނައިން ދޮގުހަދާ މީހުންނަށް މާތްﷲ ހިދާޔަތު ނުދައްކަވައެވެ.”
ޔާ ޙައްޔުލްޤައްޔޫމް! ”އޭޕްރީލް ފޫލްސް“ ދުވަހުގައި، ކާފަރުންކުރާ ނުބައި ޢަމަލުތައްފަދަ ޢަމަލުތަކުން އަޅަމެން ރައްކާތެރިކުރައްވާނދޭވެ!


One Response
ވަރަ ރަގަޅު ވާހަކައެ?