މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑު ކަމާއި ގުޅިގެން، މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އަތުވެދާނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ގޮތުގައި މި އަހަރަށް އަންދާޒާކޮށްފައިވާ އަދަދު މި ޙާލަތުގައި ނުލިބޭނެ ކަމަށެވެ. އެގޮތުން ދައުލަތުގެ އާމްދަނީގެ ގޮތުގައި މި އަހަރަށް އަންދާޒާކޮށްފައިވާ އަދަދުކަމުގައިވާ 29.9 ބިލިއަން ރުފިޔާ ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޓެކްސް ރެވެނިއުގެ ގޮތުގައި އަންދާޒާ ކުރި 17.8 ބިލިއަން ރުފިޔާގެ ތެރެއިން ވަރަށް ކުޑަ އަދަދެއް ނޫނީ ނުލިބޭނެ ކަމަށެވެ. އެ އަދަދު ލިބޭނީ ރާއްޖެއަށް ފަތުރުވެރިން އައިސްގެން ކަމަށާއި ނަމަވެސް މިފަދަ ހާލަތެއްގައި އެކަން އެގޮތަށް ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ދައުލަތަށް ޓެކުހާއި އާމްދަނީ ލިބޭނީ ވަރަށް މަދުންކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެކަންކަމާއި ވިސްނައި އަދި ފައިސާ ހޯދަން ދަރަނި ނަގާ އިރު، ދަރަނި ނަގަނީ ކޮންތާކުންތޯ އާއި ދަރަންޏަށް ފައިސާ ލިބޭނީ ކިހާ ދުވަހެއްގެ ތެރޭގައިތޯ ބަލަން ޖެހޭނެ ކަމަށެވެ.
”ހަނދުމަފުޅު ބަހައްޓަވާތި މުޅި ދުނިޔެ މިވަނީ މި ހާލުގައި ޖެހިފައި. އެހެންވީމާ ފުއްދުންތެރި ގައުމުތަކުން ވެސް ދޭ އެހީތެރިކަން ވެސް މި ވަގުތު މުޅި ދުނިޔެއަށް އެހީތެރިވެދޭން އެބަ ޖެހޭ. އެހެންވީމަ އަޅުގަނޑުމެންނަށް ލިބޭ މިންވަރު ވެސް ކުރީގައި ލިބޭ މިންވަރާ އެއް މިންވަރަށް ނުލިބުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން ނެތް މަންޒަރެއް ކުރައްސަވައިގެން ނުވާނެ. އަޅުގަނޑުމެންގެ ރައްޔިތުންނަށް، ސާފުކޮށް ވަމުންދާ ގޮތް އެނގެން ޖެހޭ.“ އެމަނިކުފާނު ވިދާޅުވިއެވެ
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފްތާ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 2 ލައްކަ ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރާ ރިޕޯޓު ބުނާގޮތުން 19 މާޗުން ފެށިގެން 26 މާޗުގެ ނިޔަލަށް ދައުލަތަށް ޓެކްސްއިން އެއްވެސް އާމްދަނީއެއް ނުލިބެއެވެ. ޓެކްސްނޫން އާމްދަނީ އިން 2 ލައްކަ ރުފިޔާ ލިބިފައިވެއެވެ.
މާޗު މަހުގެ 26 ގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި މުޅި އެކު މިއަހަރު ލިބިފައިވަނީ 4597.4 މިލިއަން (4.5 ބިލިއަން) ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 5960.3 މިލިއަން (5.9 ބިލިއަން) ރުފިޔާ ލިބުނެވެ. އެހެން ކަމުން މިއަހަރު ލިބުނު އާމްދަނީ އިން ވަނީ 1362.6 މިލިއަން (1.3 ބިލިއަން) ރުފިޔާ މަދުވެފައެވެ.

