މާލޭސިޓީގައި ހިމެނޭ މާރުކޭޓުތަކުން ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.
މަލޭ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މާލޭސިޓީގައި ހިމެނޭ، އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާރުކޭޓުތަކުން ޚިދުމަތްދޭ ގަޑިތަކަށް 2 އޭޕްރީލްއިން ފެށިގެން ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.
މި ގޮތުން މާލޭ ލޯކަލް މާރުކޭޓާއި، މާލޭ ދަތުރުވެރިންގެ މާރުކޭޓާއި، މާލޭ މަސްމާރުކޭޓާއި، ވިލިމާލޭ ލޯކަލް މާރުކޭޓް ހުޅުވިފައި ހުންނާނީ، ހެނދުނު 6:00 އިން ފެށިގެން ހަވީރު 16:00 އަށްކަމަށް، މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރުން މިހާރުވަނީ، ފިހާރަތަކުން ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ވެސް ބަދަލުގެނެސްފައެވެ. މި ގޮތުން މާދަމާއިން ފެށިގެން، ރޭގަނޑު 11:00 އިން، ހެނދުނު 6:00 އަށް ފިހާރަތަށް ނުހުޅުވުމަށް ސަރުކާރުންވަނީ އަންގާފައެވެ.

