އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ އަމުރެއްގެ ދަށުން އެ ރަށުގައި ވިޔަފާރީގެ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރަމުން ދިޔަ ގެއެއް ފުލުހުން ބަންދުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، އައްޑޫ ސިޓީ ހިތަދޫ ”މައިލޯސިޓީ“ ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީ އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި އަމުރު ނެރެފައިވަނީ 2026 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށް ކަމަށާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ގެ 156 ވަނަ މާއްދާގެ ދަށުން ނެރުނު މި އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ދެވަނަ އަމުރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި، އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ.
އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުން ދާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. އަދި އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަންކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

