އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންނާއި، ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވިއެވެ.
2026 ފެބްރުއަރީ 15 ވަނަ ދުވަހު ފެށި މި ތަމްރީނު ކޯހަކީ ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ކޯހުގައި ޖުމްލަ 158 ފުލުހުން ބައިވެރިވިއިރު، ތަމްރީނުތައް ކާމިޔާބީއާއެކު ފުރިހަމަކޮށް 140 ފުލުހުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ އެކި މާއްދާތަކުންނާއި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ. މިގޮތުން، ކޮމިޝަނާސް އެކްސެލެންސް އެވޯޑް އާއި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް އިރްފާހެވެ.
އިތުރު ވަނަތަކަށް ބަލާއިރު، އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް ރާކިން އަޙްމަދު ހޮވުނުއިރު، އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙުސައިން ރިފްޝާން ޢަލީއެވެ. އަދި މުޅި ކޯހުން އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ އައިނެއްލާ ސްކޮޑެވެ.
ކޯހުގެ ސްކޮޑްތަކުން އެންމެ މޮޅު ދަރިވަރުންނަކީ:
- އައިނެއްލާ ސްކޮޑް: ކޮންސްޓަބަލް އަޙްމަދު ޒައިން އަމްޖަދު
- ބީފާން ސްކޮޑް: ކޮންސްޓަބަލް ރާކިން އަޙްމަދު
- ހާޖީ ސްކޮޑް: ކޮންސްޓަބަލް އިބްރާހީމް އިރްފާހް
- ރަންވިއްކާ ސްކޮޑް: ކޮންސްޓަބަލް އަޙްމަދު ޝިޒާން
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އިލްމީ، ފަންނީ އަދި އަހުލާގީ ސުލޫކީ މިންގަނޑުތައް އުގަންނައިދިނުމަށް ފަރުމާކޮށްފައިވާ މުހިންމު ކޯހެކެވެ. މި ކޯހުގެ ތެރޭގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި، ކޮމިއުނިޓީ ޕޮލިސިންގ އަދި ގާނޫނު ތަންފީޒުކުރުމުގެ މުހިންމު ބައިތައް އުގަންނައިދީފައިވެއެވެ.
މި ކޯސް ނިންމި އޮފިސަރުން ދެން މަސައްކަތް ކުރަން ފަށާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޚިދުމަތުގައެވެ.

