ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޔަރުކުރި މީހެއްގެ ގަޔަށް ހޫނު ފެން އެޅި މައްސަލައެއްގައި ފުލުހަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި

ފުލުހުންތަކެއް ހަރަކާތްތެރިވަނީ - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޔަރުކޮށްގެން މާފައްނު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ މީހެއްގެ ގަޔަށް ފުލުހުން ހޫނު ފެން އަޅައި އަނިޔާކުރި މައްސަލައެއްގައި ފުލުހަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ، އެ ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްނުކޮށް ކަމަށާއި ވަޒީފާއިން ވަކިކުރި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި، އޭނާ ވަޒީފާއިން ވަކިކުރި މުއްދަތަށް ލިބެންޖެހޭ ފައިސާ އާއި އިނާޔަތް އެއްފަހަރާ ނަގައިދިނުމަށް އެދި އެ މީހާ ސިވިލް ކޯޓަށް ހުށަހެޅި ޖުޑިޝަލް ރިވިއުގެ ދައުވާގެ މައްސަލައެކެވެ.

މި މައްސަލައިގެ ހުކުމުން އެނގޭ ގޮތުގައި ފުލުހުންގެ ސާޖަންޓެއްގެ މަގާމުގައި ހުރި އެ މީހާ ވަޒީފާއިން ވަކިކޮށްފައިވަނީ، 18 އޮގަސްޓް 2021 ގައި ފުލުހުން ހައްޔަރުކުރި މީހަކު މާފައްނު ފޮލިސް ސްޓޭޝަނަށް ގެންގޮސް، އެ މީހާގެ ގަޔަށް ހޫނު ފެން އަޅައި އެ މީހާއާ މެދު ލާއިންސާނީ އަމަލު ހިންގާފައިވާ މައްސަލައަކާ ގުޅިގެން، ފުލުހުންގެ އެތެރޭގައި ހިންގި ތަހުގީގެއްގެ ހޯދުންތަކަށް ބިނާކޮށެވެ.

އެ މައްސަލަ ބަލައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އެ ފުލުސް މީހާ ފުލުހުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށެވެ. އޭގެ އިތުރުން، ކަން ހިނގި ގޮތް އޮޅުވާލަން އޭނާ މަސައްކަތްކުރި ކަމަށް ވެސް ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައިވެއެވެ.

ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އޭނާ ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމަށާއި އަހުލާގީ ކުލަ އަތުލުމަށެވެ. ނަމަވެސް، އެ ނިންމުން އިސްތިއުނާފީ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ނިންމާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރުމަށެވެ.

ފުލުހުންގެ އެތެރޭގެ ތަހުގީގު މައިގަނޑު ގޮތެއްގައި ބިނާވީ ވީޑީއޯ ފޫޓޭޖުތަކުގެ މައްޗަށެވެ. އެގޮތުން އަނިޔާ ލިބުނު މީހާ ޕޮލިސް ސްޓޭޝަނުގެ ރިސެޕްޝަން ކައިރީގައި ގޮނޑިއެއްގައި އިންދާ ފުލުހަކު ގަދަކަމުން އޭނާ ގެންދިޔަ މަންޒަރާއި، އެ ފަހުން އެހެން ފުލުހަކު ތިން ފަހަރު މަތިން ތައްޓަކަށް ފެން އަޅައިގެން ދިޔަ ތަން ވީީޑިއޯއިން ވަނީ ފެނިފައެވެ. އެ މީހާ ގަދަކަމުން ގެންދިޔަތާ ހަތަރު މިނެޓު ފަހުން ކެމެރާއަށް އެރި އިރު އޭނާ ހުރީ ތެމިފައި ކަމަށާއި ކަނދުމާރަތި ހުރީ ފިހިފައި ކަމަށް ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައިވެއެވެ. އަދި އޭނާއަށް އަނިޔާކުރި އިރު މި މައްސަލައިގައި ދައުވާ އުފުލި ފުލުސް މީހާ އެތަނުގައި ހުރެ، އެ މަންޒަރުތައް ނުފެންނަ ކަމަށް ބަޔާންދިން ނަމަވެސް، އެ މަންޒަރު އޭނާއަށް ފެންނާނެކަން ސީސީޓީވީ ފޫޓޭޖުން އެނގޭ ކަމަށް ވެސް ވެއެވެ.

ވަޒީފާއިން ވަކިކުރި މީހާ ހުށަހެޅީ މައްސަލަ ބަލައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެ މީހާ ވަޒީފާއިން ވަކިކުރުމުގައި ފުލުހުން ފުރިހަމަކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަމާއި މައުޟޫއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅެން ނެތް ކަމަށާއި އޭނާ ހޯދަން އެދުނު ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އަހުމަދު އަބްދުލްމަތީނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: