ޓޫރިސްޓެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތް ތަކެއް ފެންނަން ހުއްޓައި، އެއްވެސް އިދާރާއަކަށް ނާންގައި އެމީހާ ފުރުވާލި މައްސަލައިގެ ތަހުގީގު ކުރުމަށް ފުލުހުން ކުރެއްދޫ އައިލެންޑް ރިސޯޓަށް ހިނގަށްޖެއެވެ.
ރާއްޖޭން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ ކަމުގެ އަލާމާތްތަކެއް ހުއްޓައި ކަމާއިބެހޭ އެއްވެސް އިދާރާއަކަށް އެނގުމެއްނެތި ފުރުވާލާފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ ފަތުރުވެރިއެކެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ފަތުރުވެރިޔާ ފޮނުވާލި މައްސަލައިގައި، ފުލުހުންގެ ޓީމެއް އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފުލުހުން ރިސޯޓަށް ގޮސްފައި ވަނީ ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ލިބިގެން ކަމަށެވެ.
ފުލުހުން އެ ރަށަށް ދިޔައީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް-19 ގެ ކަންކަމުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށް ކަނޑައަޅާފައިވާ ސީޕްލޭންގައި ކަމަށެވެ. ފުލުހުންގެ އިތުރުން އެ ރިސޯޓުގެ ޤާނޫނީ ވަކީލުންގެ ޓީމެއްވެސް ވަނީ ގޮއްސައެވެ.
ފަތުރުވެރިޔާ އެނބުރި އިޓަލީއަށް ދިޔަފަހުން އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުނެވެ. އަދި އެ ރިސޯޓުން އިތުރު ބައެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން އެ ރިސޯޓުގެ އެލާޓް ލެވެލް އޮރެންޖަށް މަތިކޮށް، ރިސޯޓަށް އަރާފޭބުން އެޗްޕީއޭއިން ވަގުތީގޮތުން މަނާކުރިއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިންމައި އެ ރިސޯޓު މިހާރު އޮތީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.
އިޓަލީގެ ފަތުރުވެރިޔާ ފުރައިގެން ދިޔަފަހުން ރާއްޖޭން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮސިޓިވްވީ އެ ރިސޯޓުގެ ޑޮކްޓަރެވެ. ފުލުހުން ތަހުޤީގު ކުރަމުންދާ މައްސަލައާއި ގުޅިގެން، 49 އަހަރުގެ އިސިން ސެކެން ކޮކަބަސްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.
ތުރުކީގެ މި އަންހެން ޑޮކްޓަރު ފުރުން މަނާކޮށްފައި އޮތީ އަންނަ އެޕްރީލް މަހުގެ 22 އާ ހަމައަށެވެ. ޑޮކްޓަރުގެ ފަހުން އެ ރިސޯޓުން އިތުރު ހަތަރު މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.
ކޮވިޑް-19 ގެ އަލާމާތްތައް ހުރި ފަތުރުވެރިޔާ، އެއްވެސް ރަސްމީ ފަރާތްތަކަށް ނާންގައި ފޮނުވާލި މައްސަލަ ބަލަން ފުލުހުންނަށް އަމުރު ކުރެއްވީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ކުރިން ބުނެފައިވަނީ ފަތުރުވެރިޔާގެ ކިބައިން ފެންނަން ހުރި އަލާމާތްތަކާ ގުޅިގެން އިތުރު ޓެސްޓްތަކެއް ހަދަން ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ލަފާ ދިނުމުން އޭނާ އެކަމަށް އިންކާރުކުރި ކަމަށެވެ.
އެކަމާއި ގުޅިގެން ފަތުރުވެރިޔާގެ ކަންކަން ބަލަހައްޓާ ސްޓާފުންނާއި ރިސޯޓްގެ މެނޭޖްމަންޓާއި އަދި ރިސޯޓުގެ ސީނިއަ މެނޭޖްމަންޓްގެ ބޭފުޅަކާއި ޑޮކްޓަރު ވެސް ހިމެނޭ ގޮތުން މަޝްވަރާ ކުރިނަމަވެސް ރިސޯޓުން ފުރަތަމަ ނިންމީ އެހެން ބައެއް ފަތުރުވެރިން ވެސް ހުން އައިސްގެން ޑޮކްޓަރަށް ދައްކަމުންދާތީ ކޮންމެހެން އެ ފަތުރުވެރިޔާގެ މައްސަލަ އެޗްޕީއޭއަށް ނޭންގުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ނިންމުމާ މެދު ޑޮކްޓަރު ހިތްހަމައެއް ނުޖެހިގެން އެޗުޕީއޭގެ ހޮޓްލައިނަށް އޭނާ ގުޅި ކަމަށާއި ނަމަވެސް އިޓަލީގެ ފަތުރުވެރިޔާގެ މައުލޫމާތު ދިނުމުގެ ބަދަލުގައި އޭނާ ސުވާލުކުރީ، ކަމާ ބެހޭ ފަރާތްތަކުން އަމަލްކުރަމުން އަންނަ އުސޫލުތަކަށް އެއްވެސް ކަހަލަ ބަދަލެއް އައިތޯ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މައްސަލައިގެ ތަހުގީގަށް މީގެކުރިން ވެސް ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ދިޔައެވެ. ނަމަވެސް އޭރު އެ ރިސޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށްވުމާއެކު އަދި އެ ރިސޯޓުގެ ގިނަ އަދަދެއްގެ ބަޔަކު އެކަހެރިކޮށްފައި ތިބުމުން، ތަހުގީގު ޓީމު އެނބުރި އައީއެވެ. އަދި ތަހުގީގު ޓީމުވެސް ވަނީ ވަނީ 14 ދުވަހަށް ކަރަންޓީނު ކޮށްފައެވެ.
ކުރެއްދޫ ރިސޯޓަކީ ރާއްޖޭގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ތަނެކެވެ. ކޮވިޑް-19 ގެ މައްސަލަ ދިމާވި އިރު އެ ރިސޯޓްގައި 699 ޓޫރިސްޓުން ތިއްބެވެ. އޭގެ އިތުރުން 270 ދިވެހި މުވައްޒަފުންނާއި، 420 ބިދޭސީ މުވައްޒަފުންނާ އެކު، އޭރު 1،300 އަށް ވުރެ ގިނަ މީހުން އުޅުނެވެ.

