މުޅި ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ބަލާއާފާތަކީ، ޖަލުތަކުގައި ނުޙައްޤުން އަނިޔާ ލިބެމުންދާ މީހުންގެ ދުޢާ ކަމުގައި ވެދާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އެދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މި ބަލިމަޑުކަމަކީ ޖަލުތަކުގައި ތިބި މީހުންގެ ދުއާ އިޖާބަކޮށް ހެއްދެވި ފަރާތުން ފޮނުއްވި ކޯފާއަކަށްވުން އެކަށީގެންވާ ކަމަށެވެ.
ސަލީމް ވިދާޅުވީ މިދަނޑިވަޅުގައި މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައި މިވަނީ އާދައިގެ ކުޑަކުޑަ މުސީބާތެއް ނޫން ކަމަށެވެ. އެހެންވެ އިންސާނިއްޔަތަށްޓަކައި ނަމަވެސް ޖަލުތަކުގައި ތިބި ފަރާތްތަކަށް ލުއި ދިނުމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޖަލުތަކުގައި ނުހައްގުން އަނިޔާލިބެމުންދާ ފަރާތްތައް އުޅެމުންދާ ކަމަށާއި އެމީހުންގެ ދުއާއަކީ ﷲ ސުބުހާނަހޫ ވަތައާލާ އެއްވެސް ހުރަހެއް ނެތި ގަބޫލުކުރައްވާ ދުއާއެއް ކަމަށެވެ.
ސަލީމް ވިދާޅުވީ މިއީ ޖަލުތަކުގެ މީހުން ކުރާ ދުއާތަކުގެ ސަބަބުން އައި ކޯފާއާއި މުސީބާތެއް ނޫންކަމެއްވެސް ނޭނގޭ ކަމަށެވެ. އަދި ދުނިޔޭގެ އިލުމުވެރިންގެ ޖަމިއްޔާތަކުންވެސް ޖަލުތަކުގައި ތިބި މީހުންނަށް ލުއިދޭން ގޮވާލަނީ އެމީހުންގެ ދުޢާގެ ސަބަބުން އަތުވެދާނެ މުސީބާތަކުން ރައްކާތެރިވުމުގެ ގޮތުން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
”އެހެންވީމަ އަޅުގަނޑުމެންނަށް ކިހިނެތޯ އެނގޭނީ މިއީ ޖަލުތަކުގެ މީހުން ކުރާ ދުއާތަކުގެ ސަބަބުން އައި ކޯފާއެއް ނޫންކަމެއްވެސް މުސީބާތެއް ނޫންކަމެއްވެސް. ކިހިނެއްތޯ އަޅުގަނޑުމެންނަށް އެނގޭނީ. އެހެންވީމަ ދުނިޔޭގަ އޮތް އިލުމުވެރި ޖަމިއްޔާއިންވެސް ގޮވާލީ ޖަލުތަކުގައި ތިބި މީހުންނަށް ލުއިދޭން،“ ސަލީމް ވިދާޅުވި އެވެ.
ސަލީމް އިތުރަށް ވިދާޅުވީ މި ދަނޑިވަޅަކީ މީހުންނަށް މާފު ކުރަންވީ ވަގުތު ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އިހުސާންތެރި ކަމާއި ހިތްހެޔޮކަން އިސްކުރައްވަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
ކުރިއަށް އޮތީ ރޯދަ މަހަށްވުމުން މި ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ލުއިއެއް ދޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި މިފަދަ ނާޒުކު ހާލތެއްގައި އެމަނިކުފާނު ދޫކޮށްލައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

