މާލެއަކީ، ހުރިހައި ދިވެހިންގެ ރަށެއްކަމަށާއި، ކުލި ނުދެއްކިގެން ރަށަށްދާންޖެހުމަކީ ހައްލެއްނޫންކަމުގައި، ތ.ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ޣައްސާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުލި ނުދެއްކިގެން ރަށަށް ދާންޖެހުމަކީ ހައެްލެއްނޫންކަމަށާއި، ޤައުމީ ރޫޙުގައި އެންމެން މަސައްކަތްކޮށްގެން ހައްލުކުރުމުގެ ފެންވަރު އިރާދަކުރެއްވިއްޔާ މި ޤައުމުގައި އެބަހުރިކަމަށެވެ.
ޣައްސާން ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ކޮމަރޝިއަލް ބޭންކުތަކުން، ގެދޮރު ހެދުމަށް ލޯނު ނަގާފައިވާ ފަރާތްތަކަށް ކުލިތައް ކުޑަކުރަން ޝަރުތުކޮށް އިންޓްރެސްޓްކޮށްދީފިނަމަ އޭގެ މަންފާ ޢާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި، ރާއްޖޭގެ އިޤުތިޞާދީ މާހިރުން ލަފާދެއްވަނީ މިގޮތަށްކަމަށެވެ.
ޣައްސާން މިހެން ވިދާޅުވެފައިވާއިރު، އޭޕްރީލް 1 ވަނަ ދުވަހުގައި އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސާ މިވަނީ، މާލޭގައި ބޮޑު އަގުގައި ކުލި ދައްކަމުންދާ އެކި ރަށްރަށުގެ މީހުންގެތެރެއިން، ކުލި ނުދެއްކޭ ވަރަށް ހާލުގައި ތިބި މީހުން، އެ މީހެއްގެ ރަށަށް ބަދަލުވުމަށް ގޮވައިލާފައެވެ.
ޢީސަގެ މި ވާހަކައަށް ގިނަބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވަނީ ޢީސަގެ ވާހަކަތައް ދިފާޢުކުރައްވައި ވާހަކަ ދައްކާފައެވެ.
މި ގޮތުން، ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ޤަބޫލުކުރަންދަތި ތެދު ޙަޤީޤަތްތައް ސިޔާސީ ލީޑަރުން ހާމަކުރަންޖެހޭނެކަމަށާއި، އެ ފަދަ ޙަޤީޤަތްތައް ހާމަކުރުމުން ބައެއް ޢާންމުންގެ ނުރުހުންވެސް އަމާޒުވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢީސައަކީ، ޢާންމުކޮށް ސާފު ބަހުން އެފަދަ ޙަޤީޤަތްތައް ވިދާޅުވާ ބޭފުޅެއްކަމަށާއި، މާލެއާއި، މި ރޯގާއަކީ ވެސް ޓައިމް ބޮމެއްކަމަށާއި، މި ރޯގާއަށްޓަކައި ވެސް މާލެ ލުއި ކުރަން ޖެހޭކަމަށެވެ.

