ކޮރޯނާ ވައިރަސްއިން ފެތުރިޔަނުދިނުމަށް އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ބޭރުގެ ގައުމުތަކުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަވި 49 މީހަކު ބައްޔަށް ޓެސްޓުކުރުމަށްފަހު އެ އެންމެންގެ ވެސް ނަތީޖާ ނެގެޓިވްވުމުން ކަރަންޓީނުން ދޫކޮށްލައިފިއެވެ.
އެކަމުގެ މައުލޫމާތުތައް ހިއްސާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދޫކޮށްލާފައިވަނީ ފަން އައިލޭންޑުގައި ކަރަންޓީންކޮށްފައި ތިބި މީހުން ކަމަށެވެ. އަދި އެ އެންމެންގެ ވެސް ޓެސްޓު ހަދާފައިވަނީ 14 ދުވަސް ފުރިހަމަވުމުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ހައި ރިސްކު މީހުން ޓެސްޓުކޮށް، ނެގަޓިވް ނުވަނީސް ކަރަންޓީނުން ދޫނުކުރާ ގޮތަށް އަމަލު ކުރަމުން އައި އުސޫލަށް ބަދަލު ގެނެސް، ރާއްޖޭގައި ކަރަންޓީނުކުރާ ހުރިހާ އެންމެން ޓެސްޓުކުރަން ނިންމާފައިވަނީ އައިލޭންޑް ސަފާރީގައި ތިބި ދެ ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވީއިރު، ހައި ރިސްކް ކޮންޓެކްޓުވެ އެ ސަފާރީގައި ތިބި މީހުންގެ ތެރެއިން ކަރަންޓީން ކުރި މީހުންގެ ތެރެއިން ދެ މީހަކު އިޓަލީއަށް ދިއުމަށް ފަލައިޓުގައި ތިއްބައި ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ބޭރުގެ އެކި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާއިރު، އެ މީހުންގެ ކަރަންޓީން މުއްދަތަށް ބައްޔަށް ޓެސްޓުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ދޫކޮށްލާނީ އެ މީހެއްގެ ނަތީޖާތައް ލިބި ބައްޔަށް ނެގެޓިވްވުމުން ނެވެ. އަދި އޭގެ އިތުރުން ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް ”އެގްޒިޓް ސްކްރީނިން“ އެއް ވެސް ކުރާނެއެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ.
އެންމެ ފަހުން ހާމަ ކުރި މައުލޫމާތުތަކަށް ބަލާއިރު، ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 881 މީހަކު އެބަތިއްބެވެ.
ކަރަންޓީން ފެސިލިޓީތަކާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނެފައިވަނީ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ދިވެހިން 14 ދުވަހު ކަރަންޓީން ފެސިލިޓީގައި ބޭތިއްބުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ ކަމަށެވެ. އެގޮތުން މިިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއި ގުޅިގެން މިވަގުތު ރާއްޖެ އަންނަނީ މުޅިންވެސް ދިވެހިންނެވެ.
ރާއްޖޭގައި މިހާރު ކޮރޯނާ ވައިރަހަށް ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެ ހަތަރު މީހުންނަކީ ވެސް ރާއްޖެ އައި ދިވެހިންނެވެ. އެމީހުން ރާއްޖެ އައި ގޮތަށް ވެސް ތިބީ ކަރަންޓީނުގަ އެވެ.

