މިއީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި، އަމިއްލަ މޮޅަކަށް މިވަގުތު ކުރެވޭނެ ކަމެއް ވެސް ނެތްއިރު ދިވެހި އެއްވެސް ރައްޔިތަކު ބޭރު ގައުމެއްގައި ހާލުގައި ޖެހިފައި ތިބެން ދޫކޮށް ނުލާނެކަމަށް ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ކާފައިފު އިއުލާނުކޮށްފައިވާ އަވައްޓެރި ލަންކާގެ ކޮލަބްބޯ އާއި އިންޑިއާގެ ކޮޗިންއިން މޯލްޑިވިއަންގެ ފްލައިޓުތަކެއް ޝެޑިއުލްކޮށް އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން މެލޭޝިއާގެ ކުއަލަރަމްޕޫރަށާއި އިންޑިއާގެ ޓްރެވެންޑްރަމަށް ވެސް ވަރަށް އަވަހަށް މޯލްޑިވިއަންއިން ފްލައިޓްތައް އަޅާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އިތުރު ބައެއް ގައުމުތަކަށް ވެސް އެ މަސައްކަތް ފެށޭނެ ކަމުގެ އިޝާރާތެއް މޯލްޑިވިއަންއިން މިރޭ ވަނީ ދީފައެވެ.
ވައިރަސް އާއި ގުޅިގެން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ދުނިޔޭގެ އެތައް ގައުމެއް ލޮކްޑައުންކޮށް، އެއާ ސްޕޭސް ވަނީ ބަންދުކޮށްފައެވެ. އޭގެ ސަބަބުން އެކި ގައުމުތަކުގައި ތަށިވެފައި ތިބި އެތައް ދިވެހިންނެއް އެބަތިއްބެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެއްވެސް ދިވެއްސަކީ ދަތިހާލުގައި އުޅޭ މީހެއްގެ ގޮތުގައި ނަހަދާނެ ކަމަށާއި އެހެން ނަމަވެސް ދުނިޔެއަށް ދިމާވެފައި މިވަނީ ދަތި އުނދަގޫ ވަގުތެއްކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. މަބްރޫކް ވިދާޅުވީ ދަތި އުނދަގޫ ވަގުތެއްގައި، ކޮންމެ މީހެއްގެ ވެސް ހާސްކަން ހުންނާނެ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ރައްޔިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ކޮލަމްބޯ އަދި ކޮޗިންގައި ތިބި ބައެއް ދިވެހިން ގެނައުމުގެ މަސައްކަތެއް ފެށުގެން ދިއުމަކީ އެއީ ލިބިގެން ދިޔަ ކާމިޔާބީއެއްގެ ގޮތުގައި މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ދެން ހުރި ގައުމުތަކުން ވެސް ފުރުސަތުތައް ލިބޭ މިންވަރަކުން ދިވެހިން ރާއްޖެ އެނބުރި ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންވެސް ރާއްޖޭގައި ތާށިވެފައިތިބިއިރު، އެ މީހުންވެސް އިންތިޒާރު ކުރަމުންދަނީ ފުރޭނެ ވަގުތަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކި ގައުމުތަކުން ފްލައިޓުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރާކަމަށް ބައެއް ފަރާތްތަކުން ވިދާޅުވީ ނަމަވެސް އެ ގައުމުތަކުން ވެސް އުޅެނީ އެހެން ސަރައްދުތަކުގައި ތިބި ރައްޔިތުން ގެންދެވޭނެ އަލިމަގެއް ނުފެނިގެން ކަމަށެވެ.
”ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރާއްޖޭގައި މިވަގުތު އެތިބި ޓޫރިސްޓުން އެތިބީ އެ މީހުންގެ ގައުމަށް އަނބުރާ ނުދެވިފައި. ބޮޑެތި ގައުމުތަކުގެ މުއްސަނދިން އިނގޭތޯ. އެ ހާލުގައި އޮންނަ ކަމެއް މި ކަމަކީ. އަދި މުޅި ދުނިޔެ މި އޮތީ އެ ހާލުގައި. ތިބޭފުޅުން އެބަ ވިދާޅުވޭ ބައެއް ގައުމުތަކުން ފްލައިޓުތައް އަޅައިގެންނޭ. އެހެން ގެންދާން ވެސް ގައުމުތަކުން އެއުޅެނީ އެ މީހުންގެ ރައްޔިތުން ނުގެންދެވިގެން.“ މަބްރޫކް
މަބްރޫކް ވިދާޅުވީ، އެހެން ގައުމުތަކަށް ވެސް ޖާގަތައް ލިބެމުންދަނީ ރާއްޖެއަށް ވެސް ލިބޭ މިންވަރަށް ކަމަށެވެ. އެހެން ނަމަވެސް، ރާއްޖެއިން ކުރާ މަސައްކަތްތަކަށް ކިރިޔާވެސް ކުރިއެރުންތަކެއް ލިބެނީ އެހެން ގައުމުތަކާއި އެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން، އުންމީދަކީ އަދި ވިސްނުމަކީ ވެސް ރާއްޖެއިން ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށާއި، އެކަމަށްޓަކާ އިތުރު ފެސިލިޓިތައް ގާއިމް ކުރަންޖެހޭނަމަ އެކަން ވެސް ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ދަތި ހާލުގައި ޖެހިފައި ތިބި ދިވެހިން، މަގުމައްޗަށް ދޫކޮށްމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނީ ދިވެހި ރައްޔިތުންނަށްޓަކާ ކަމަށެވެ.
ޔަގީން ނުވާ ވާހަކަތައް ނުދެއްކެވުމަށް އިލްތިމާސްކުރައްވާ މަބްރޫކް ވިދާޅުވީ، ތިމަންނަ ފްލައިޓެއް ޗާޓަރު ކުރަންއުޅޭ ވާހަކައެއް އެހެން މީހެއް ކައިރީ ދެއްކުމަކީ އެއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ބަޔަކަށް ގޯސް ހިއްވަރެއް ނުވަތަ ހޯޕެއް ދިނުމަށްފަހު އެކަން ހާސިލް ނުވުމުން އެ ހިއްވަރު ފުނޑުފުނޑުވެގެން ދިއުން މާ ގޯސްކަމަށް މަބްރޫކް ވިދާޅުވިއެވެ. ސަރުކާރެއްގެ ގޮތުން މަސައްކަތް ކުރަމުންދަނީ، ބޭރުގައުމުތަކުގައި ތިބި ދިވެހިންނަށް އެ މަގު ހޯދައިދިނުމަށް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
”ވިސްނުމަކީ ވީ ވަރަކުން މިކަން ކުރުން…. ރާއްޖެއަށް ރާއްޖެއިން ބޭރުން ގެންނަން ޖެހޭ، ދަތި ހާލުގައި ޖެހިފައިތިބި ދިވެހިން ގެނައުމުގެ މަސައްކަތަކީ އަޅުގަނޑުމެން ދޫކޮށްލާނެ ކަމެއް ނޫން……. އަޅުގަނޑުގެ އިލްތިމާސްއަކީ މި ކަމުގައި ޔަގީން ނުވާ ވާހަކަތައް ދެއްކުން މަދު ކުރުމަށް. ރަނގަޅެއް ނޫން ވަނީކީއެއް ތިމަންނައަށް އަމިއްލަ ޗާޓަރު ފްލައިޓެއް އަޅައިގެން މިކަން ކުރެވިދާނެއޭ ޔަގީން ނުވަނީސް ބުނުމަކީ. ބަޔަކަށް އިތުރު ހޯޕެއް ދެވިފަ، އެ ފުނޑުފުނޑުވީމަ އެ ވާ ގޮތް މާ ގޯސް. އަޅުގަނޑުމެން ސަރުކާރެއްގެ ގޮތުގައި މި މަސައްކަތް ކުރަނީ އެ މަގުތައް ހުޅުވުމަށްޓަކާ.“ މަބްރޫކް
މަބްރޫކް ވިދާޅުވީ، ލަންކާގެ ކޮލަމްބޯ އާއި، އިންޑިއާގެ ކޮޗިންއަށް މޯލްޑިވިއަންގެ ފްލައިޓުތަކެއް ޝެޑިއުލްކޮށް ދިވެހިން ގެންނަން މަސައްކަތް ފެށުމާއި އެކު ބޭރުގައި ތިބި ދިވެހިން ނުގެނެސްގެން އެކަމާ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ބައެއް ފަރާތްތަކުގެ ރާގު ބަދަލު ވެފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން، ދިވެހިން ގެނައުމަށް ގޮވާލަމުން ދިޔަ ފަރާތްތައް، މޯލްޑިވިއަންގެ ޓްވީޓާއި އެކު ދެން ކުރަން ފެށި ޝަކުވާއަކީ ދިވެހިން ގެންނަ ސަބަބާއި ގުޅޭގޮތުން ކަމަށަވެ. ކަރަންޓީން ކުރާނެ ތަނެއް ނެތް ކަމަށް ބުނެ ވާހަކަތަކެއް ދައްކަމުން ދާ ކަމަށެވެ. މަބްރޫކް ވިދާޅުވީ، މި ވާހަކައް ފާހަގަކުރުން އެ ބަޔަކަށް އެއީ އެ މީހުންގެ ވާހަކަކަން އިނގޭނެ ކަމަށެވެ.
މިއީކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި، އަމިއްލަ މޮޅަކަށް މިވަގުތު ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިވަގުތު މިއޮތީ ދިވެހި ރައްޔިތުންނަޓަކާ ކުރާ މަސައްކަތެއް ކަމަށެވެ. ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނީ އެއްވެސް މީހެއް ތަފާތު ކުރުމެއް ނެތިކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ލަންކާ އިން މާދަމާ ރާއްޖެއަށް ދެ ދަތުރެއްކޮށް 100 މީހުން ގެނެވޭނެކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ. އަދި އޭޕްރީލް ހައެއްގައި ކޮޗިންއިން ކުރާ ދަތުރުން 200 މީހުން ރާއްޖެ ގެނެވޭނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

