މިދިޔަ ސަރުކާރުން އެކުލަވާލި ޕޭފްރޭމްވޯކު އޮތީ ޓީޗަރުން މާސްޓާސް ނިންމުމުން، ކުރިން ޑިގްރީ އޮވެގެން ލިބުނު މުސާރައަށް ވުރެ ކުޑަ މުސާރައެއް ލިބޭ ގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ސުވާލުކުރެއްވީ، ޓީޗަރުންގެ ޕޭ ހާމަނައިޒްކުރިއިރު މާސްޓާސް ސެޓިފިކެޓު ނެތް ޓީޗަރުންނަށް އެ ސެޓިފިކެޓު ހާސިލުކުރާތާ ހަތަރު އަހަރު ފަހުން ސްޓިފިކެޓް އެލަވަންސް ލިބޭނެ ކަމަށް ކުރިން ނިންމާފައިވާ ނަމަވެސް، އަދިވެސް އެކަން ނުކޮށްގެން އުޅެނީ ކީއްވެގެންތޯއެވެ.
ޖަވާބުގައި މިނިސްޓަރު ޝަފީއު ވިދާޅުވީ، ޕޭ ޕްރޭމްވޯކް އެކުލަވާލީ ޑިގްރީ ޓީޗަރުންނަށް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސްޓެޕް ޕްރޮމޯޝަންތަކެއް ލިބޭ ގޮތަށް ކަމަށެވެ. އަދި އެ ސްޓެޕް ޕްރޮމޯޝަންތައް އެ މުއްދަތު ތެރޭގައި ޓީޗަރުންނަށް މިހާރު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، އެ ޕްރޮމޯޝަންތަކާއެކު ޑިގްރީ ލިބިފައިވާ ޓީޗަރުންގެ މުސާރަ ބޮޑުވާއިރު، ޕޭފްރޭމްވޯކު އޮތް ގޮތުން މާސްޓާސް ހާސިލުކުރުމުން ޓީޗަރުންނަށް ލިބޭނީ ސްޓެޕް ޕްރޮމޯޝަންތަކާއެކު ޑިގްރީ އޮތް ޓީޗަރުންނަށް ލިބޭ މިންވަރަށް ވުރެ ކުޑަ މުސާރައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަން އެހެން ދިމާވީ ޕޭފްރޭމްވޯކް އެކުލަވާލި އިރު ވިސްނަން ޖެހޭ ވަރަށް ވިސްނާފައި ނެތުމުން ކަމަށް ވެސް ވިދާޅުވިއެވެ.
”މިހާރު ނުކުންނަ ނަތީޖާއަކީ މާސްޓާ ޑިގްރީ ހަދާފައި ހުރި މުވައްޒަފެއް އެބޭފުޅާ އަތުގައި އޮތް ޑިގްރީއާ އެކުގައި ސްޓެޕް ޕްރޮމޯޝަން ލިބުނީމާ، އެ ސްޓެޕް ޕްރޮމޯޝަން ލިބިފައި ހުންނަ މުދައްރިސު މާސްޓާ ޑިގްރީގެ ގޮޅިއަށް ދިޔައިމާ، މުސާރަ ދަށްވާ ގޮތް ވަނީ،“
އެކަން ހައްލުކޮށްގެން ނޫނީ މާސްޓާ ޑިގްރީގެ ގޮޅީގެ ތެރެއަށް މުވައްޒަފުން ބަދަލުކުރެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އެކަކު އަނެކަކަށް އިނގިލި ދިއްކޮށްގެން ތިބޭނެ ކަމެއް ނޫން ކަމަށާއި އެކަން ހައްލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕޭފްރޭމްވޯކްގެ މައްސަލަތަކާ ގުޅިގެން ޓީޗަރުންތަކަކާ ބައްދަލުކުރައްވާފައިވާ ކަމަށާއި ފްރޭމްވޯކް އެކުލަވާލާފައިވާ ގޮތާ މެދު ޓީޗަރުންގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. އަދި ޕޭ ފްރޭމްވޯކުގައި ހުރި މައްސަލަތައް ހައްލުކުރާނީ މުދައްރިސުންނާއި ޕްރިންސިޕަލުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކެއްގެ ތެރެއިން ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސް ބޮޑުވާ ގޮތަށް ޕޭފްރޭމްވޯކް ބަދަލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރުއެވެ.

