ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ވެސް 400 އަށް ވުރެ ގިނަ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭ: މިނިސްޓަރު

ސްކޫލެއްގައި މުދައްރިސުންތަކަކާއި ދަރިވަރުންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްރަށުގެ ތިބި ނިކަމެތި ސްކޫލު ކުދިން ދެނެގަނެ، 400 އަށް ވުރެ ގިނަ ކުދިންނަށް މިހާރު ވެސް ހެނދުނުގެ ނާސްތާ ފޯރުކޮށްދެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ފަލާހް ސުވާލުކުރެއްވީ، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެށި ނާސްތާ ޕްރޮގްރާމް އެ ސަރުކާރުން ވަކި ހިސާބަކުން މެދުކަނޑާލީ ކީއްވެގެންތޯއެވެ.

އެ ސުވާލުގެ ޖަވާބުގައި، ނާސްތާ ޕްރޮގްރާމް ފަދަ ޕްރޮގްރާމްތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހިންގާކަން ފާހަގަކުރައްވައި މިނިސްޓަރު ޝަފީއު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހިންގާ އެފަދަ ޕްރޮގްރާމުތައް ރާއްޖެއަށް ގެންނަ އިރު އެފަދަ ޕްރޮގްރާމްތައް ހިންގަން ޖެހޭނީ ރާއްޖޭގެ ހާލަތަށް ވެސް ރިއާއަތްކޮށްގެން އެ ހާލަތާ ގުޅޭ ގޮތަށް ކަމަށެވެ.

ކޮންމެ ކުއްޖަކަށް ހެނދުނު ނާސްތާ ދޭންވާނެ ކަމަށް ގާނޫނުގައި ލިޔުމަށް ފަހު، ހުރިހާ ކުދިންނަށް ނާސްތާ ނުދޭން ނިންމައި ހަމައެކަނި ބޭނުންވާ ކުދިންނަށް ދޭން ނިންމީ ވެސް އެމްޑީޕީގެ ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ގާނޫނު ލިޔުނުއިރު ގާނޫނުގައި އެބަ އޮތް ބުނެފައި، އެމްޑީޕީގެ އޭރުގެ ވައުދެއް އެއީ ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭން ވާނޭ. ހަމަ އެމްޑީޕީ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ދެން ހުރިހާ ކުދިންނަކަށް ނުދޭނަމޭ، ބޭނުންވާ ކުދިންނަށޭ ދޭނީ،“

އެހެންނަމަވެސް، މި ސަރުކާރުން ކޮންމެ އަހަރެއް ފެއްޓޭއިރު، ރަށްރަށުގައި ތިބި ނާސްތާ ބޭނުންވާ ކުދިން ދެނެގަނެ، އެ ކުދިންނަށް ބޭނުންވާ ހެނދުނުގެ ނާސްތާ ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރު ވެސް 400 އަށް ވުރެ ގިނަ ދަރިވަރުންނަށް ނާސްތާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ވެސް މިހާރު މިދަނީ ކޮންމެ އަހަރެއް ފެއްޓޭ އިރުގައި ދެރަ ނިކަމެތި ކުދިން ދެނެގަނެ، އަދި ރަށުގެ މަސްލަހަތު ވެރިންނާ ވާހަކަ ދެކެވިގެން، އެ ކުދިން ދެނެގަނެ އެ ކުދިންނަށް ބޭނުންވާ ސަޕޯޓު ދެމުން، މިހާރު ވެސް ގާތްގަނޑަކަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 400 އަށް ވުރެ ގިނަ ދަރިވަރުންނަށް އެ އެހީތެރިކަން ފޯރުކޮށްދެމުން ދަނީ،“

މިނިސްޓަރު ޝަފީއު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނީ އެފަދަ ގޮތަކަށް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށްވާ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެ މަސައްކަތް ކުރިއަށް ދަނިކޮށް، ކޮވިޑްގެ ބަލިމަޑުކަމާ ހެދި ސްކޫލުތައް ބަންދުކުރުމުން ޕްރޮގްރާމް މެދުކަނޑާލިއެވެ. އަލުން ޕްރޮގްރާމް ފެށީ ހަމައެކަނި ނާސްތާ ބޭނުންވާ ކުދިންނަށް ދޭ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: