މާލޭގައި އިމާރާތްކުރާ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސީ) ގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ތައުލީމީ ދާއިރާގެ މަޝްރޫއުތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ، ސީއެޗްއެސީގެ އައު އިމާރާތުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ކުރެހުންތައް އެޕްރޫވްކުރުމުގެ މަރުހަލާ ކަމަށެވެ. އަދި އުންމީދަކީ މިއަހަރުގެ ފަހު ކުއާޓަރުގައި އިމާރާތުގެ އަމަލީ މަސައްކަތް ފެށިގެން ދިއުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ސީއެޗްއެސީގެ 7 ފަންގިފިލާގެ އައު އިމާރާތް އެޅުމުގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހު ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ އިމާރާތް ތަރައްޤީ ކުރަނީ 15 ކްލާސްރޫމާއި، 4 ސައިންސް ލެބާއި، ސްޓާފް ރޫމްގެ އިތުރުން ލީޑިންގ ޓީޗަރުންގެ ރޫމާއި އެޑްމިން އޮފީސްވެސް ހިމެނޭހެންނެވެ. އޭގެ އިތުރުން 3 ލިފްޓާއި ހާއްސަ ޕާކިން ސަރަޙައްދެއްވެސް އެ އިމާރާތުގައި ހިމެނޭނެއެވެ.
މާލޭގައި 7 ފަންގިފިލައަށް އިމާރާތް ކުރާ ބައިގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކުރީ 51.6 މިލިޔަން ރުފިޔާއަށެވެ. އެ މަސައްކަތް ނިމުމުން އެ ސްކޫލުގެ ޖާގަ އިތުރުވެ، ގިނަ އަދަދެއްގެ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މާލެ ސަރަޙައްދުގައި އިތުރު ސްކޫލްތައް އިމާރާތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައިވެސް އިތުރު 2 ސްކޫލެއް އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ވޮކޭޝަނަލް އެޑިއުކޭޝަން ހިމަނައިގެން އޭލެވެލްއަށް ކިޔަވައިދޭ ސްކޫލަކާއި، ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭނެ އިތުރު ސްކޫލެކެވެ.
މާލޭ ވޮކޭޝަނަލް ހައި ސްކޫލްގެ އައު އިމާރާތް އަޅަން ނިންމާފައިވާއިރު، އެ ތަންތަން އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

