އިރާނުގެ ސުޕްރީމް ލީޑަރ، ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ލިބުނުނަމަވެސް، ބައިވެރިނުވެވުނީ ފަހު ވަގުތު އިރާނުން ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް ހަމަޖެއްސުމުގެ އިންތިޒާމުތަކަށް ބަދަލު ގެނައުމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޙާމަނާއީ އަވަހާރަވުމާ ގުޅިގެން ޖުލައި 3 ވަނަ ދުވަހު ބާއްވަން ހަމަޖެހުނު އެމަނިކުފާނުގެ ރަސްމީ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނެވެ.
އެ ދައުވަތުގައި ލިބުމުން، ރާއްޖޭގެ ފަރާތުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ ދިވެހިރާއްޖޭން ސައުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކަމުގައި އިރާން ސަރުކާރަށް ރަސްމީކޮށް އެންގި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ނަމަވެސް، ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލު މިހާރު ހަމަޖެހިފައިވާގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް އިރާނުގެ އެމްބަސީން އެންގި ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ މައުލޫމާތު ލިބުމާ ގުޅިގެން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ފެށި ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އޭރު ތެހްރާންއަށް ދިއުމުގެ ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައި ވުމުން، ސްޓޭޓް މިނިސްޓަރ ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ، ޖަނާޒާގެ ރަސްމީ ބައި ނިމޭފަހުނެވެ. ދިވެހިރާއްޖެއިން ސްޓޭޓް މިނިސްޓަރެއް މި ޖަނާޒާގައި ބައިވެރިކުރުމަށް ނިންމެވި ނިންމެވުމަށް އިރާން ސަރުކާރުން ޝުކުރު އަދާކުރައްވާފައިވާ ކަމަށާއި އެ ދަތުރުފުޅު މި ވަގުތު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީހެއްގައި ސަރުކާރުގެ އިސްބޭފުޅަކު ކުރެއްވުމަށް ލަފާދެއްވާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޚާރިޖީ ވަޒީރުގެ ތައުޒިޔާގެ މެސެޖެއް އިރާންގެ ޚާރިޖީ ވަޒީރަށް ފޮނުވާފައިވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

