ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން މެދުކެނޑިފައިވާ އަތޮޅު ކައުންސިލްތަކުގެ ހިދުމަތްތައް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުން ހިންގާ އަތޮޅު އޮފީސްތަކުން އަލުން ދޭން ފަށައިފިއެވެ.
މި ހިދުމަތްތައް އަލުން ފަށާފައިވަނީ މާލީ މުއާމަލާތްތައް ހިންގުމަށް ފަސޭހަ ނިޒާމެއްގެ ދަށުންނެވެ. އެގޮތުން މިހާރު ހިދުމަތްތަކަށް ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވަނީ ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
އަތޮޅު އޮފީސްތަކުން މިހާރު އާންމުންނަށް ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި އުޅަނދުތަކުގެ ލައިސެންސް ދޫކުރުމާއި، އަހަރީ ފީ ބަލައިގަތުމުގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ފޯރުކޮށްދޭ ހިދުމަތްތައް ހިމެނެއެވެ.
މި ހިދުމަތްތައް މެދުކެނޑެން މެދުވެރިވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އަތޮޅު ކައުންސިލްތައް އުވާލައި، އެ އިދާރާތައް އެލްޖީއޭގެ ދަށަށް ބަދަލުކުރުމުން ދިމާވި ގާނޫނީ އަދި އިދާރީ މައްސަލަތަކަކާ ގުޅިގެންނެވެ. މި ބަދަލާއެކު ހިދުމަތްތައް ދިނުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ކަންކަން ބެލެހެއްޓުމެވެ.
ނަމަވެސް، މިހާރު ވަނީ އެ މައްސަލައަށް ހައްލެއް ހޯދާފައެވެ. އެގޮތުން އަތޮޅު އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިއަކީ އެލްޖީއޭގެ މާލީ ޒިންމާދާރުވެރިޔާ ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. މި ނިންމުމާއެކު އަތޮޅުތަކުގައި ދެމުންދިޔަ މުހިންމު ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

