ހުސްވެފައިވާ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް، ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ޓެކްްސް ކޮމިޝަނަރުގެ މަގަމާށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި މީހުންގެ ތެރެއިން އެ މަގާމަށް އައްޔަންކުރައްވަން ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވީ އަމީޒާގެ އިތުރުން މުހައްމަދު ހަލީމް އަބްދުﷲގެ ނަމެވެ.
މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކޮށްފައިވާއިރު، ކޮމިޓީން މާކްސްދީ އެކުލަވާލި ރިޕޯޓު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެންމެ ގިނައިން މާކްސް ލިބިވަޑައިގަތީ އަމީޒާއަށެވެ. އެގޮތުން އަމީޒާއަށް 92.46 ޕަސެންޓު މާކްސް ލިބިވަޑައިގެންނެވިއިރު ހަލީމްއަށް ލިބިވަޑައިގަތީ 82.89 ޕަސެންޓެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ އަދި ޕީއެންސީގެ ފަރާތުން ވެސް ފާހަގަކުރީ އެ ދެ ބޭފުޅުންނަކީ ވެސް މަގާމަށް ގާބިލު ބޭފުޅުން ކަމެވެ.
މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އަމީޒާ ޓެކްސް ކޮމިޝަނަރަށް އައްޔަންކުރަން ފެންނަ ކަމަށް އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް 64 މެމްބަރަކު ވޯޓު ދެއްވިއެވެ. އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި އަމީޒާ އަކީ މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީރާގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.
ހަލީމަކީ އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް ރައީސެވެ. އަދި ވިލާ އެއާ ކުންފުނީގެ ފައިނޭންޝަލް ހެޑްއެވެ. އޭނާ އަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން އެކައުންޓިންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްްވާފައިވާ ބޭފުޅެކެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވުމުންނެވެ. ފިނޭންސް މިނިސްޓަރަކަށް ޒަމީރު އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުންނެވެ.

