ދުނިޔަވީ މި ހަޔާތުގައި އިންސާނާއާއި އެއްކޮށް ދަތުރުކުރާނެ ބައިވެރިއަކު ކޮންމެހެން ވެސް ބޭނުންވާނެއެވެ. އެހެނީ، ދުނިޔަވީ ހަޔާތް ބިނާވެފައިވަނީ، ދެ މީހެއްގެ ދެމެދުގައި ކުރެވޭ އަޙުދެއްގެ މައްޗަށެވެ. ދެމީހުންގެ ދެމެދުގައި ބިނާކުރެވޭ ގުޅުމެއްގެ މަައްޗަށެވެ. އެހެންނަމަވެސް ދެ މީހުންގެ ދެމެދުގައި، ޤާއިމުކުރެވޭ ގުޅުމަކީ ހަރުދަނާ ގުޅުމަކަށްވާންޖެހެއެވެ.
އެހެންކަމުން އެންމެ ފުރަތަމަ ވެސް، އެ ގުޅުން ވަރުގަދަވާނެ ސިފަތައް ދެނެގަންނަން ޖެހެއެވެ. އެ ސިފަތަކަކީތޯއެވެ. އެއީ އިޚުލާސްތެރިކަމާއި އިޙުސާންތެރިކަމެވެ. ތެދުވެރިކަމާއި ކެތްތެރިކަމެވެ. ހިތްހެޔޮކަމާއި ހިތްތިރިކަމެވެ. ރަޙުމާއި ހަމްދަރުދީއެވެ. އިތުބާރާއި ޔަޤީންކަމެވެ. އަޅައިލުމާއި އޯގާތެރިކަމެވެ. ހިއްސާކުރުމާއި ވަގުތުހޭދަކުރުމެވެ. އުންމީދާއި އިންތިޒާރެވެ.
ހަމަ އެހެންމެ އެ ގުޅުން ވަރުގަދަކުރުމަށްޓަކައި ބައެއް ސިފަތަކުން ދުރުވާން ވެސްޖެހެއެވެ. އެއީތޯއެވެ. އެއީ ދޮގުވެރިކަމާއި މަކަރުވެރިކަމެވެ. ދެއްކުންތެރިކަމާއި ކިބުރުވެރިކަމެވެ. ހަރުކަށިކަމާއި ހިތްހަރުކަމެވެ. ޝައްކާއި ވަހުމުތަކެވެ. ޖާސޫސްކުރުމާއި ޒުވާބުކުރުމެވެ.
ޔަޤީނެވެ. އަޅުގަނޑު އިސްވެ ދެންނެވި ގުޅުން ވަރުގަދަވާ ސިފަތަށް ދެ މީހުންގެގައިގައި ހުރިނަމަ އެ ދެމެދުގައި ބިނާވާނީ ވަރަށް ވެސް ވަރުގަދަ ގުޅުމެކެވެ. ވަރަށް ވެސް ސާފު، ވަރަށް ވެސް ސީދާ، ވަރަށް ވެސް ސާދާ ގުޅުމެކެވެ. އާދޭހެވެ. އެ ދެމެދުގައި އުފަންވެގެންދާނީ މާތް ލޯތްބެކެވެ. ފަނާނުވާނެފަދަ ޖަޒުބާތުތަކެކެވެ.
ނަމަވެސް، އެ ސިފަތައް އެއްކިބާކުރަން އަޅުގަޑު އިސްވެ ބަޔާންކުރި ސިފަތައް ދެ މީހުންކުރެ އެކަކުގައިގައި ހުރިނަމަވެސް، އެ ގުޅުން ފަނާވާކަށް މާގިނަ ވަގުތެއް ނުނަގާނެއެވެ. އެ ސިފަތައް ހުރެއްޖެނަމަ، އާޚިރު ނަތީޖާ ވަރަށް ވެސް ހިތިވާނެއެވެ. އާދޭހެވެ. އޭރުން އެ ދެމެދުގައި އުފަންވެގެންދާނީ ނަފުރަތުގެ ހުޅުގަނޑެކެވެ. ދުވަހަކަށްވުރެ ދުވަހަކު އެ ހުޅުގަނޑު ބޮޑުވެ ދެ މީހުންގެ ދެމެދުގައި އޮތް ލޯބި އަނދައި އަޅިއަށްވެގެން ހިނގައިދާނެއެވެ.
އޭގެ ނަތީޖާ ވަރަށް ވެސް ހިތްޗެވެ. އޭގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި އެ ދެމީހުންނަކަށް ވެސް ނޫނެވެ. ބަނަވެގެންދަނީ، ހަމައެކަނި އެ ދެމީހުންގެ މުސްތަޤުބަލެއް ވެސް ނޫނެވެ. އަދި ކީއްތަ، ޒަވާޖުގެ ގުޅުމަކުން ގުޅިގެން ތިބި ދެމީހުންކަމަށްވެފައި، އެ ދެމީހުންގެ ދަރިންތިބިކަމަށްވާނަމަ، އޭގެ އެންމެ ބޮޑު އަސަރެއްކުރަނީ، އެ ދަރީންނަށެވެ. ބަނަވަނީ ހަމަ އެ ކުދިންގެ މުސްތަޤުބަލު ވެސް މެއެވެ. ހުތުރުވެގެންދަނީ އެ ކުދިންގެގައިގައި ހުރި ރިވެތި އާދަތަކެވެ. އަނިޔާ ލިބިގެންދަނީ، އެ ކުދިންގެ ޖިސްމަށެ’ވެ. ބޭޤަރާރުވެގެންދަނީ އެ ކުދިންގެ ހިއްސުތަކެވެ. އޮޅުންބޮޅުންވަނީ އެ ކުދިންގެ ވިސްނުމެވެ. ގެއްލިގެންދަނީ އެ ކުދިންގެ އަސްލެވެ.
ކަންމިހެން ހުރިއިރު، ގުޅުން ހަރުދަނާކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަސައްކަތްކުރަންޖެހެއެވެ. އަޅުގަނޑުމެންގެ މުސްތަޤުބަލަށްޓަކައެވެ. ދަރީންގެ މުސްތަޤުބަލަށްޓަކައެވެ.

