މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އަލާމާްތައް ފެނުމުން ބައެއް މީހުން އެކަން ސިއްރުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ ރިސޯޓަކަށް ފަތުރުވެރިން ނުދާތާ ނުވަތަ ރިސޯޓަކުން ފަތުރުވެރިން ފޭބެމުން 14 ދުވަސް ހަމަވުމުން ބައެއް މީހުން ޓެސްޓްކުރާއިރު ކޮވިޑްގެ އަލާމާތްތައް ހުރި މީހުން ތިބޭކަން ފާހަގަ ކުރެވޭ ކަމަށާއި އަދި އެކަން ސިއްރު ކުރާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ކޮވިޑްގެ އަލާމާތްތަކެއް ހުރިނަމަވެސް ބައެއް މީޙުން އެކަން ސިއްރު ކުރަނީ ރިސޯޓުން ފޭބުމަށް އިތުރަށް ލަސްވެދާނެތީ ކަމަށާއި ނަމަވެސް އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އެހެން ކަމުން ރިސޯޓަކުން ފަތުރުވެރިން ފޭބުމަށް ފަހު އެއްވެސް ފަތުރުވެރިއަކު ރިސޯޓަކަށް ނާރާ 14 ދުވަސް ހަމަވުމުން ނުވަތަ ހަމަވާން ކައިރިވެފައިވަނިކޮށް ވެސް ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކު ފެނިއްޖެނަމަ އެކަން ސިއްރު ނުކޮށް އެންގުމަށް މިނިސްޓަރ އަމީން ވަނީ އެދިވަޑައިގެންފައެވެ.
”ރިޒޯޓްތަކުން 14 ދުވަސް ހަމަވެގެން މީހުން މުޖުތަމައުތެރެއަށްދާއިރުވެސް މިކަމުގަ 14 ދުވަސްތެރޭ ވެސް އެއްވެސް އަލާމާތެއް ހުރި މީހެއް ކަމަށްވާނަމަ އެކަން ސިއްރު ނުކުރުމަކީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް. އަޅުގަނޑުމެންނަށް ފާހަގަވެފަ އެބަހުރި 14 ދުވަސް ވާން ކައިރިވުމުން ނުވަތަ 14 ދުވަސް ހަމަވުމުން އަޅުގަނޑުމެން މައުލޫމާތު އެއްކުރާއިރު ބައެއް ފަހަރަށް އަލާމާތްތައް ހުންނަ މީހުންގެ މައުލޫމާތު އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށް ނުދީ ހުރިކަން ފާހަގަކުރެވިފައިވޭ. “ މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ރިސޯޓަކަށް ފަތުރުވެރިން ނާރާ ނުވަތަ ރިސޯޓަކުން ފަތުރުވެރިން ފޭބިތާ14 ދުވަސް ވުމަށް ފަހު އަމަލު ކުރާނެ ގޮތާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްތަރ އަމީން ވިދާޅުވީ ރިސޯޓަކަށް ފަތުރުވެރިން ނާރާތާ އަދި ރިސޯޓަކުން ފަތުރުވެރިން ފޭބިތާ14 ދުވަސް ހަމަވުމުން އެ ރިސޯޓެއްގައި ތިބި ބަޔަކު ނުވަތަ ރިސޯޓެއްގައި ތިބި މުވައްޒަފުންނަށް އެ ރިސޯޓަކުން ފޭބުމުގެ ހުއްދަ ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ރިސޯޓަކަށް ފަތުރުވެރިން ނާރާތާ އަދި ރިސޯޓަކުން ފަތުރުވެރިން ފޭބިތާ 14 ދުވަސް ހަމަވުމުން އެ ރިސޯޓެއްގައި ތިބި ބަޔަކަށް ނުވަތަ މުވައްޒަފުންނަށް އެ ރިސޯޓަކުން ފޭބުމުގެ ހުއްދަ ލިބިގެންދާނީ ރިސޯޓުގެ މެނޭޖްމެންޓުގެ ފަރާތުން ހަމަޖެހިފައިވާ އުސޫލްތަކުގެ ދަށުން އެކަން އެޗްޕީއަށް އަންގާ ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕްޒިޓިވް ކޭސްތަކެއް ނުފެނި އަދި ކޮރޯނާ ވައިރަޖަށް ޝައްކު ކުރެވޭ ބަޔަކު ނުފެނި ދުވަސްތަކެއް ދިޔަނަމަވެސް ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ގިނަ ފިޔަވަޅުތަކެއް އެބަހުރި ކަމަށެވެ. އެހެން ކަމުން އެއްވެސް ފަރާތަކުން މިކަމުގައި ކަން ފަސޭހަ ނުކުރުމަށް މިނިސްތަރ އެދިވަޑައިގެންނެވިއެވެ. އަދި ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުހް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭކަން މިނިސްޓަރ އަމީން ވަނީ ފާހަގަ ކުރައްވާފައެވެ.

