ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީން ފެސިލިޓީތަކުގައި ރާއްޖެއިން ބޭރުން އައި އެއްހާހަށް ވުރެ ގިނަ މީހުން!

ކަރަންޓީން ފެސިލިޓީތަކުގައި ރާއްޖެއިން ބޭރުން އައި އެއްހާހަށް ވުރެ ގިނަ މީހުން އެބަތިބި
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މި ވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 1002 މީހަކު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި މީގެ ކުރިން މުވައްޒަފުން ކައިރި ރަށްތަކަށް އޮފްޑޭއަށް ދާއިރު އެކަން ވެސް ކުރުން މިހާރު ވަނީ މަނާކުރެވިފައެވެ. އަދި އާއްމު ސިއްހަތު ގާނޫނުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެ އެންގުމުގެ ދަށުން އަޅާ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކުރެވިފައެވެ.

ރާއްޖެއިން ބޭރުގެ ހުރިހާ ގައުމަކުން އަންނަ ދިވެހިންވެސް 14 ދުވަހަށް ކަރަންޓީން ކުރާގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ. މީގެ ކުރިން ކަަރަންޓީން ފެސިލިޓީއަކަށް ގެންދިއުމަށް ނިންމާފައިވަނީ ހަމައެކަނި ޓްރެވެލް ރެސްޓްރިކްޝަން ނެރެފައިވާ ގައުމުތަކަށް އެކަންޏެވެ. އެހެން ނަމަވެސް ފާއިތުވީ ދުވަސްތަކުގައި ބޭރުގެ ގިނަ ގައުމުތަކުގައި ދިރިއުޅެމުން އައި ދިވެހިން ވަނީ އެނބުރި އަންނަން ފެށުމާއި، ގުޅިގެން އެ ގޮތަށް ނިންމީއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ގައިން ކޮރޯނާއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ސާމްޕަލް ނަގާފައިވެއެވެ. މިހާތަނަށް ނެގި ސާމްޕަލްތަކުން ޔޫކޭގައި އުޅެފައި އައި ދިވެއްސަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކަރަންޓީން ފެސިލިޓީތަކާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނެފައިވަނީ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ދިވެހިން 14 ދުވަހު ކަރަންޓީން ފެސިލިޓީގައި ބޭތިއްބުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއި ގުޅިގެން މިވަގުތު ރާއްޖެ އަންނަނީ މުޅިންވެސް ދިވެހިންނެވެ. ދެން މަސައްކަތު މީހުންނާ ފަންނީ ވަޒީފާތަކުގައި އުޅޭ ބިދޭސީންނެވެ. އެ ހުރިހާ އެންމެވެސް ކަރަންޓީން ކުރާނެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ކަރަންޓީން ފެސިލިޓީތަކުގައި މިވަގުތު ތިބީ 1002 މީހުން ކަމަށެވެ. ކަރަންޓީން ފެސިލިޓީގެ ގޮތުގައި ގިނަ ރިސޯޓްތަކެއް ދަނީ ބޭނުން ކުރަމުންނެވެ. އައިސޮލޭޝަންގައި މިވަގުތު ތިބީ 11 މީހެކެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ބޭރުގެ ގައުމުތަކުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަވި 49 މީހަކު ބައްޔަށް ޓެސްޓުކުރުމަށްފަހު އެ އެންމެންގެ ވެސް ނަތީޖާ ނެގެޓިވްވުމުން ކަރަންޓީނުން ވަނީ މިދިޔަ ހަފްތާގައި ދޫކޮށްލާފައެވެ. އަދި އަދި ބުދަ ދުވަހު 325 މީހަކު ވަނީ ދޫކޮށްލާފައިވާއިރު އިއްޔެވެސް 200 މީހުން ވަނީ ދޫކޮށްލާފައެވެ.

މިފަހުން ކަރަންޓީން ކޮށްފައިވަނީ ލަންކާއިން އައި 100 މީހުންނާ، އިންޑިއާއިން އައި 200 މީހުންގެ އިތުރުން މެލޭޝިޔާއިން އައި 197 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: