މިދިޔަ މަހު އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއިމެދު މަޝްވަރާ ކުރެވެމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މިދިޔަ މާޗް މަހުގެ 12 ގައެވެ. ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.
ރާއްޖޭގެ ރިސޯޓުތަކުން ވައިރަހަށް ޝައްކުވާ ފަތުރުވެރިން، ޓެސްޓުކޮށް އެ މީހުންގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިޔަށެވެ. އަދި ބައްޔަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވް ވީއިރު އޭގެ ތެރޭގައި އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައި 4 ދިވެއްސެއް ހިމެނެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އެ މުއްދަތު މީގެ ދެ ދުވަސްފަހުން ހަމަވާނެ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި މެދު ގޮތެއް ނިންމަވާނެކަން ފާހަގަކުރަވާ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާމެދު ގޮތް ނިންމުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ކޮންމެ ފިޔަވަޅަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.
އަދި އެ ފިޔަވަޅުތައް ނެގުމާއި ހަމައަށް އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި އަޅަމުން އަންނަ ހުރިހާ ފިޔަވަޅެއްވެސް އަޅުއްވަނީ މަޝްވަރާއަށްފަހު ކަން އަމީން ފާހަގަކުރެއްވިއެވެ. ދިވެހި ރާއްޖެއަށް ފަތުރުވެރިން ގެނައުން ހުއްޓާލިތާ 14 ދުވަސް ވެފައިވާއިރު ރާއްޖެއަށް މި ވައިރަހުގެ ސަބަބުން ކިހާ ބޮޑު ނުރަައްކާއެއް ވެދާނެތޯ ދިރާސާއެއް ހަދަމުން އަންނަކަމަށް އަމީން ވިދަޅުވިއެވެ. އަދި އިއްޔެ ފަށާފައިވާ ދިރާސާގެ ނަތީޖާތަކަށް ބެލުމަށްފަހު ނޫނީ އެއްވެސް ކަމެއް ނުނިންމާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ސަރުކާރު ބަންދުކޮށް، ސުކޫލްތަކުގެ ކިޔެވުން މެދުކަނޑާލާ، ކެފޭތައް ބަންދުކޮށްފައިވާއިރު އެ ފިޔަވަޅުތައް އުވާލުމާމެދުވެސް މަޝްވަރާ ކުރަމުންދާ ކަމަށާ ނަމަވެސް އެ ފިޔަވަޅުތައް ދޫކޮށްލެވޭނީ ވަކި ތަރުތީބެއްގެ ދަށުން ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ 30 ދުވަސް އާދިއްތަ ދުވަހަށް ހަމަވާއިރު، އެ ދުވަހުގެ ކުރިން އެ ހާލަތު ދެމެހެއްޓުން ނުވަތަ އުވާލުމާމެދު ގޮތްތަކެއް ނިންމާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

