ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީން ފެސިލިޓީތައް އިތުރު ކުރުމަށް، ރިސޯޓުތަކާއި އެކު މަޝްވަރާ ކުރިޔަށް!

ކަރަންޓީން ފެސިލިޓީތައް އިތުރު ކުރުމަށް، ރިސޯޓުތަކާއި އެކު މަޝްވަރާ ކުރިޔަށް ދަނީ - ފޮޓޯ: ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، ބޭރުގެ ގައުމުތަކުން ރާއްޖެއަށް އެނބުރި އަންނަ ދިވެހިންގެ އަދަދު އިތުރުވުމާއި ގުޅިގެން ކަރަންޓީން ފެސިލީޓިތައް އިތުރު ކުރުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި މީގެ ކުރިން މުވައްޒަފުން ކައިރި ރަށްތަކަށް އޮފްޑޭއަށް ދާއިރު އެކަން ވެސް ކުރުން މިހާރު ވަނީ މަނާކުރެވިފައެވެ. އަދި އާއްމު ސިއްހަތު ގާނޫނުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެ އެންގުމުގެ ދަށުން އަޅާ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކުރެވިފައެވެ.

ރާއްޖެއިން ބޭރުގެ ހުރިހާ ގައުމަކުން އަންނަ ދިވެހިންވެސް 14 ދުވަހަށް ކަރަންޓީން ކުރާގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ. މީގެ ކުރިން ކަަރަންޓީން ފެސިލިޓީއަކަށް ގެންދިއުމަށް ނިންމާފައިވަނީ ހަމައެކަނި ޓްރެވެލް ރެސްޓްރިކްޝަން ނެރެފައިވާ ގައުމުތަކަށް އެކަންޏެވެ. އެހެން ނަމަވެސް ފާއިތުވީ ދުވަސްތަކުގައި ބޭރުގެ ގިނަ ގައުމުތަކުގައި ދިރިއުޅެމުން އައި ދިވެހިން ވަނީ އެނބުރި އަންނަން ފެށުމާއި، ގުޅިގެން އެ ގޮތަށް ނިންމީއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ގައިން ކޮރޯނާއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ސާމްޕަލް ނަގާފައިވެއެވެ. މިހާތަނަށް ނެގި ސާމްޕަލްތަކުން ޔޫކޭގައި އުޅެފައި އައި ދިވެއްސަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ކަރަންޓީނު ފެސިލިޓީތައް އިތުރު ކުރަން ޓޫރިޒަމް މިނިސްޓްރީއާއެކު ބައެއް ރިސޯޓުތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ފެސިލިޓީސް އިތުރުކުރުމަށް ސަރުކާރުން މިހާރު ބައެއް ރިސޯޓުތަކާ މަޝްވަރާ ކުރަމުންދާއިރު، އަދި މިހާތަނަށް ވަކި ތަނެއް ފައިނަލައިޒް ވެފައިނުވާކަން ހިސާން ފާހަގަކުރެއްވިއެވެ.

މި ވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 1002 މީހަކު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ބޭރުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިހާތަަނަށް ލަންކާ، އިންޑިއާ އަދި މެލޭޝިއާ އިން ގިނަ ދިވެހިންތަކެއް ވަނީ ގެނެސްފައެވެ. އެ އަދަދު 500 އާއި ގާތް ކުރާނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ބޭރުގެ ގައުމުތަކުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަވި 49 މީހަކު ބައްޔަށް ޓެސްޓުކުރުމަށްފަހު އެ އެންމެންގެ ވެސް ނަތީޖާ ނެގެޓިވްވުމުން ކަރަންޓީނުން ވަނީ މިދިޔަ ހަފްތާގައި ދޫކޮށްލާފައެވެ. އަދި އަދި ބުދަ ދުވަހު 325 މީހަކު ވަނީ ދޫކޮށްލާފައިވާއިރު އިއްޔެވެސް 200 މީހުން ވަނީ ދޫކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: