މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުން ސަބްސިޑީއަށް ކުރި ހަރަދު ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 92.4 އިންސައްތަ އިތުރުވެފައިވާކަމަށް މާލީ ވުޒާރާގެ ރިޕޯޓުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖުލައި މަހުގެ ކުރީކޮޅާ ހަމައަށް ސަބްސިޑީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ސަބްސިޑީއަށް ކުރަންޖެހުނު ހަރަދު މިހާ ބޮޑަށް އުފުލިގެން ދިޔަ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެއަށް އެތެރެކުރި ތެލުގެ އަގު މިދިޔަ އަހަރާ އަޅާބަލާއިރު 80.3 އިންސައްތަ ވަނީ އިތުރުވެފައެވެ.
ސަރުކާރުން އާންމުކޮށް ސަބްސިޑީ ދެނީ ކަރަންޓުގެ ހިދުމަތާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތްތަކުގެ އަގު ހިފެހެއްޓުމަށެވެ. މީގެ އިތުރުން މަސްވެރިންނަށް ފޯރުކޮށްދޭ ތެލުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށްޓަކައިވެސް ދައުލަތުން ބޮޑު ހޭދައެއް ކުރެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކުގެ ސަބްސިޑީ ބިލަށް މިފަދަ ބޮޑެތި ބަދަލުތަކެއް އައުމަކީ މާލީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.

