ކ. ހިންމަފުށީގައި ހިންގި މާރާމާރީއަކާ ގުޅިގެން މިސްރަށް ނިސްބަތްވާ ދެ މީހަކު ޑިޕޯޓުކުރަން ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކ. ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެ ރޭ 19:24 ހާއިރު ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިސްރަށް ނިސްބަތްވާ ދެ މީހެއް ކަމަށާއި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ދިޔުމުން ކޯޓުން ދެ ދުވަހުގެ މުއްދަތެއް ބަންދަށް ދީފައިވާ ކަމަށް ބުނެފައިވެއެވެ.
ފުލުހުން ބުނީ ތަހުގީގުގެ ހޯދުންތަކަށް ރިއާއަތްކޮށް ތުހުމަތުކުރެވޭ ދެ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ހެދުމަށް އެ ހިދުމަތުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނުގައި އެދިފައިވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް ބަލަންޖެހޭ ކަންކަން ފުލުހުންގެ ހިދުމަތުން ބަލާފައިވާނެ ކަމަށެވެ.
ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ހިންމަފުށީގައި މިސްރަށް ނިސްބަތްވާ ބިދޭސީން މަރާމާރީއެއް ހިންގާފައިވާއިރު، މިފަދަ ހާދިސާތަކަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަންކަމެވެ.
ނަމަވެސް، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާރާމާރީގެ މައްސަލަތައް މި އަހަރުގެ މިހާތަނަށް ހުށަހެޅުނު އަދަދު ވެސް މަދެއް ނޫނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މާރާމާރީގެ 386 މައްސަލަ ފުލުހުންނަށް ލިބިފައިވެއެވެ.

