ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯއްޗާއި ފްލެޓްގެ މަކަރާއި ހީލަތް: އޭސީސީން ބުނަނީ ޔަސީންގެ މައްސަލަ ބެލުމުގެ އިހްތިސާސެއް ނެތް ކަމަށް!

ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ބުނެ ފައިސާ އަތުލި ކަމަށް ތުހުމަތުކުރެވޭ ޔަސީން އަދި އޭސީސީގެ ރައީސް އާދަމް ޝާމިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން މަގާމުން ވަކިކުރީ މި ޖުލައި މަހުގެ ކުރީކޮޅުއެވެ. ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ފްލެޓާއި ގޯތި ދޭނެ ކަމަށް ބުނެ 8 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކި މީހުން އަތުން ހޯދި ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެއެވެ.

މިއީ މި ސަރުކާރުގައި ޒިންމާދާރު މަގާމެއްގައި ހުރެ މީހަކު ހިންގި ކަމަށް ތުހުމަތުކުރެވޭ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން އެއް ކަމަށް ވާއިރު ދިވެހި ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ގޮތުގައެވެ. ގިނަ ބަޔަކު އަމިއްލަ ބޯހިޔާވަހިކަމަކަށް އެދިއެދި ތިއްބާ، ސަރުކާރުގެ އިސް ބޭފުޅަކު އެ އުންމީދުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ގިނަ އަދަދެއްގެ ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެކަން ކޮރަޕްޝަންގެ އަމަލަކަށް ނުވެއެވެ. އަދި މައްސަލަ ބެލުމުގެ އިޙްތިސާސް ވެސް އޮތް ކަމަކަށް ނުވިއެވެ.

އޭސީސީން ބޭނުންވާނަމަ، ކޮމިޝަނުގެ އަމިއްލަ އިހްތިޔާރުން މައްސަލަ ކޮރަޕްޝަންގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމުގެ ފުރުސަތު ހުޅުވިފައި އެބަ އޮތެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގައި އެ ކޮމިޝަނަށް، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާއާއި 513 ވަނަ މާއްދާއާއި 515 ވަނަ މާއްދާއާއި 516 ވަނަ މާއްދާއާއި 517 ވަނަ މާއްދާއާއި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ގާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކީ ކޮރަޕްޝަންގެ ކުށް ގޮތުގައި ބެލޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ގާނޫނުލްއުގޫބާތުގެ އެ މާއްދާތަކަށް ބަލާއިރު، ދައުލަތުގެ މުވައްޒަފަކަށް ނުވަތަ އެހެން މީހަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ލިއްބައިދިނުމާއި ނުވަތަ ހުށަހެޅުމާއި ނުވަތަ ލިއްބައިދިނުމަށް ނުވަތަ ހުށަހެޅުމަށް ވައުދުވުމާއެކު އެ އަމަލު ހިންގާފައިވަނީ، އެ މުވައްޒަފަކު ގާނޫނީގޮތުން އަދާކުރަންޖެހޭ ރަސްމީ ވާޖިބަކާ ޚިލާފަށް ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށް ވުމަކީ އެ މާއްދާތަކުގެ ދަށުން އޭސީސީއަށް ބެލޭނެ ކޮރަޕްޝަންގެ މައްސަލަތަކެވެ.

ގާނޫނުލްއުގޫބާތުގައި ވާގޮތުން ދައުލަތުގެ މުވައްޒަފަކު، އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ހޯދުމަށް އެދުމާއި، އަމުރުކުރުމާއި، ބަލައިގަތުމާއި، ގަބޫލުކުރުމާއި، ބަލައިގަތުމަށް ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުމަކީ ކުށެކެވެ. ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާކަމަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި، ދައުލަތުގެ މުވައްޒަފަކާ މެދު މުއާސަލާތުކުރުމަކީ ވެސް ކުށެކެވެ. އެހެންކަމުން، ދައުލަތުގެ މުވައްޒަފެއްގެ ކިބައިން ނާޖާއިޒު މަންފާއެއް ހޯދުމަށް އެދޭ ފަރާތްތަކުގެ މައްސަލަ ބެލުމުގެ ބާރު ވެސް އޭސީސީއަށް ލިބިގެންވެއެވެ.

ނަމަވެސް، އެ މައްސަލަ އެއްވެސް ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވޭތޯ އަދި ކޮމިޝަނަށް ލިބިގެންވާ އިހްތިޔާރުގެ ދަށުން މައްސަލަ އަމިއްލަ އިސްނެގުމަށް ބަލަމުންދޭތޯ ”ސަންގުން“ ސުވާލުކުރުމުން ކޮމިޝަނުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައި ނެތް ކަމަށެވެ. އަދި އެ މައްސަލައަކީ މަކަރާއި ހީލަތުގެ މައްސަލައަކަށް ވާތީ އެ މައްސަލަ ކޮމިޝަނުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ކަމަށް ވިދާޅުވެފައިވެއެވެ.

މި މައްސަލަ ތަހުގީގު ނުކުރާ ސަބަބާއި އެއީ ކޮރަޕްޝަންގެ އަމަލެއް ނޫން ކަމަށް އެ ކޮމިޝަނުން ދެކޭ ސަބަބު އިތުރަށް ސާފުކުރުމަށް، އޭސީސީގެ ރައީސް އާދަމް ޝާމިލްއަށް ގުޅުމުން ފޯނު ނަންގަވާފައި ނުވެއެވެ.

ތުހުމަތުކުރެވޭ ޔަސީން ހުރި މަގާމަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ވާތީ އޭނާގެ މަގާމުގެ ބާރުން ބަޔަކަށް ފްލެޓާއި ގޯތި ނުދެވޭނެކަން ވެސް ޔަގީންކުރެވެން އޮތީ އޭސީސީން އެ މައްސަލަ ތަހުގީގުކޮށް އެކަން ވެސް ބެލުމުންކަން ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާ ސުވާލުކުރުމުން އޭނާ ”ސަންގަށް“ ވިދާޅުވީ، ޔަސީން ހުރި މަގާމުގެ ގޮތުން އޭނާއަށް ސީދާ ފްލެޓު ދެވޭނެ ބާރު ނެތަސް، އެހެން ބަޔަކާ ގުޅިގެން ނުވަތަ އެހެން ބަޔަކު މެދުވެރިކޮށް އެކަން ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންކަމުން، އެ ނޫން ގޮތަކަށް އޭސީސީން ގަބޫލުކުރުމުގެ ކުރިން، އޭސީސީން ފުރަތަމަ ޖެހޭނީ ތަހުގީގެއް ފަށައި އޭނާއަށް ބަޔަކާ ގުޅިގެން ނުވަތަ އެހެން ބަޔަކު މެދުވެރިކޮށް ފްލެޓާއި ގޯތި ދެވޭނެތޯ ބަލަން ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި މައްސަލަ އޭސީސީގެ ދައުރުގެ ތެރެއަށް ވަންނާނެ ކަމަށާއި އޭސީސީން ތަހުގީގެއް ފަށައި އެ ކަންކަން ބަލައި ޔަގީންކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންނޫންނަމަ ފުލުހުން ހިންގާ މަކަރާއި ހީލަތުގެ ތަހުގީގުގެ ތެރެއިން، ސަރުކާރުގެ އެހެން މީހަކާ އެކަމުގައި ގުޅުމެއް އޮތްކަން އެނގިގެން ދެން އެ މައްސަލަ ކޮރަޕްޝަންގެ މައްސަލައެއްގެ ގޮތުގައި އޭސީސީން ބަލަން ފަށާއިރު، ތުހުމަތުކުރެވޭ މީހާ ހުންނާނީ ހެކި ނައްތާލާފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

”އޭސީސީން ބަލަންޖެހޭނެ ކަމަށް ބޮޑަށް ގަބޫލުކުރެވެނީ. އޭތި އެބަ ޖެހޭ ރޫލް އައުޓްކުރަން، އެކަހަލަ ކަމެއް ނެތްކަން ރޫލް އައުޓް ކުރަން ޖެހޭނެ. މިސާލަކަށް ފުލުހުން ބަލަމުންދަނީ، ދަނިކޮށް ފުލުހުންނަށް އެނގުނީ މިކަހަލަ ކަމެކޭ އުޅެނީ. ދެން ބަލަން އަންނައިރު، ނުހުންނާއެއްނުން ހެއްކެއް ވެސް ދެނެއް.“ ޝަމީމް

ފުރަތަމަ މަރުހަލާގައި އޭސީސީން ތަހުގީގެއް ނުފަށާނަމަ އެއީ ހެކި ގެއްލުވާލަން ދެވޭ ފުރުސަތެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. ކޮރަޕްޝަންގެ މައްސަލައެއް އުޅޭނަމަ މައްސަލަ ބެލުމުގެ އިހްތިސާސް ފުލުހުންނަށް ނޯންނާނެ ކަމާއި، އިހްތިސާސް އޮންނާނީ އޭސީސީއަށް ކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، އޭސީސީން މިކަމުގައި ނަގާފައިވާ ސްޓޭންޑުން އެކަމުގެ ތެރެއަށް އޭސީސީ ނުވަދެ، ހެކި ނައްތާލުމުގެ ފުރުސަތު ތުހުމަތުކުރެވޭ މީހާއަށް ދެނީ ކަމަށް ބެލެވޭ ކަމަށެވެ.

”އޭސީސީގެ ތި ސްޓޭންޑް ބޮޑަށް ބެލެވެނީ މިކަން ނުކުރަން އުޅެނީއޭ. އެ ފެސިލިޓޭޓުކޮށްދެނީއޭ އެ މީހާއަށް ހެކި ނައްތާލަންށާ ހެކި ގެއްލުންވާލަން. އޭސީސީއަށް ގެއްލޭނެ އެއްޗެއް ނެތްތާ ވަދެފައި ބަލާފަ އެކަހަލަ ކަމެއް ނޫޅެންޏާ ނޫޅޭ ކަމަށް ނިންމުމުން،“ ޝަމީމް

އޭސީސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ބ)ގައި އޮންނަނީ އޭސީސީގެ މަސައްކަތްތައް ހިންގުމާއި ކުރުމުގައި އާއި ކޮރަޕްޝަނުގެ އަމަލެއް ހިނގިޔަ ނުދިނުމަށް ކުރާ ކަންކަމުގައި އާއި ކޮމިޝަނުގެ ތަހުގީގުތައް ހިންގުމުގައި އާއި، ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ކޮމިޝަނަށް ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވާ ކަމަށެވެ.

އޭސީސީގެ ބާރު ހިނގާ ދާއިރާތަކަށް ބަލާއިރު، ވެރިކަން ހިންގުމުގެ ބާރުގެ އެންމެހާ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ އެންމެހާ މުވައްޒަފުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ އޮފީސްތަކާއި އިދާރާތަކުގެ އެންމެހާ މުވައްޒަފުންނާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެހާ އޮފީސްތަކާއި އިދާރާތަކުގެ އެންމެހާ މުވައްޒަފުންނާއި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ސަރުކާރުން ހިންގާ ކުންފުނިތަކާއި، ސަރުކާރުން ބައިވެރިވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ އެންމެހާ މުވައްޒަފުންގެ މައްޗަށް ތަހުގީގު ހިންގުމުގެ ބާރު އޭސީސީއަށް ލިބިގެންވެއެވެ. ނަމަވެސް، ގާނޫނުން ފުރިހަމައަށް ދީފައިވާ އެ ބާރުގެ ބޭނުން އޭސީސީން މިކަމުގައި ނުހިފަނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ.

ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުމާ ގުޅޭ 17 ވަނަ މާއްދާގެ (ހ)ގައި ވަނީ ކޮމިޝަނުގެ ވާޖިބު އަދާކުރުމުގައި، ކޮމިޝަނުގެ މެންބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެނެއް ނުވާނެ ކަމަށެވެ. އަދި ހަމަ އެ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވަނީ ކޮމިޝަނުގެ ހުރިހާ ކަމެއްވެސް ކުރަންވާނީ، ކޮމިޝަނުގެ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން، އާންމު މަސްލަހަތަށް ޓަކައި ކަމަށެވެ.

ބޯހިޔާވަހިކަމަށް އާންމު ރައްޔިތުން ކުރާ އުންމީދުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެތައް ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކުރެވޭއިރު، މި މައްސަލައިގެ ތެރެއަށް އޭސީސީން ނުވަނުމުން ކޮމިޝަން އެކުލަވާލާފައިވާ މަގުސަދު ހާސިލުވޭތޯ ވެސް ސުވާލު އުފައްދަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: