އެމްޑީޕީ އަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން ކަމަށާއި އެމްޑީޕީ އަބަދުވެސް ދެމިތިބޭނީ މިނިވަންކަމަށް ޓަކައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހުރިހާ ސަރުކާރުތަކުން ވެސް ތާއީދުކޮށްފައިވަނީ އިސްރާއީލަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ތަގުރީރުގައި ވިދާޅުވެފައިވާއިރު، އެމްޑީޕީިން ބޭއްވި ހަރުގެ ޖަލްސާގައި އެ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ ޓީވީތަކުން ފެންނަމުން ގެންދާ އިސްރާއީލު ސަރުކާރުގެ ލާއިންސާނީ އަމަލުތައް ފެނިފައި އިސްރާއީލަށް ތާއީދުކުރާނީ ކާކުތޯ ސުވާލު އުފައްދަވައިފައެވެ.
”ކާކުތޯ އިސްރާއީލަށް ތާއީދުކުރާނީ؟ ޓީވީތަކުން ފެންނަމުން އެ ގެންދާ މަންޒަރުތައް، އިސްރާއީލު ސަރުކާރުގެ ލާއިންސާނީ އަމަލުތައް، ކާކުތޯ ހަނދާން ނެތޭނީ؟ ކާކުތޯ އިސްރާއީލަށް ތާއީދުކުރާނީ؟،“ ރައީސް ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އިސްރާއީލަށް ތާއީދުނުކުރާނެ ކަމަށާއި އެމްޑީޕީ އަބަދުވެސް ދެތުވެ ތިބޭނީ، މިނިވަންކަމަށް ޓަކައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
”އަޅުގަނޑުމެން އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށް ޓަކައި ތާއަބަދު މަސައްކަތް ކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެކީގައި.“ ރައީސް ނަޝީދު
ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖޭގައި ހުންނަވަނިކޮށް، އެ ބޭފުޅާއާ ބައްދަލުކުރެއްވުމަށް އޮތް ވަގުތު ކެންސަލްކުރައްވައި، ރައީސް އޮފީހުގެ ޕޯޑިއަމަށް ނުކުމެވަޑައިގެން އެކުވެރި އިސްލާމީ ޤައުމުތަކަށް އަމާޒުކޮށް ”ބޮން އަޅަން“ ރައީސް މުއިއްޒު ގޮވާލުމަކީ ދިވެހިރާއްޖެއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި ސައުދީ އަރަބިއްޔާ އާއި ގަލްފުގެ ގައުމުތަކުން އެހީވެދޭ މިންވަރަށް، ވަރަށް މަދު ގައުމުތަކުން ނޫނީ އެހީ ނުވާ ކަމަށް ވިދާޅުވެ، އެފަދަ ގައުމުތަކަށް ބޮން އަޅަން ގޮވާލުމުން ރާއްޖެއަށް ލިބޭނީ ގެއްލުންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ދެއްވި ތަގުރީރަށް އަމާޒުކޮށް ނަޝީދު ވިދާޅުވީ، ދައުލަތުގެ ނިޝާން ޖަހާފައިވާ ރަސްމީ ޕޯޑިއަމެއްގެ ދޮށުގައި، ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ދައުލަތުގެ އިއްޒަތްތެރިންގެ ކުރިމަތީގައި ހުންނަވައި، ގައުމުގެ އެންމެ މަތީ ވެރިޔާ ދެއްކެވި ވާހަކަފުޅަކީ މިނިވަންކަމާ ގުޅޭ އިލްމީ ވާހަކަފުޅުތަކެއްގެ ބަދަލުގައި، ހަމައެކަނި އެމްޑީޕީއަށް އަމާޒުކުރެއްވި ”ޒުވާބެއް“ ކަމަށެވެ.

