އިއްޔެ މޫސުން ގޯސްވުމުގެ ސަބަބުން ކ. ގާފަރު ކައިރިން ބަންޑުން ޖަހާލި ބާޖުން ގެއްލުނު ދެ ބިދޭސީން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާނަމަވެސް އެ ދެ މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ކ. ގާފަރު ކައިރިން ބަންޑުން ޖަހާލި އުޅަނދުން ގެއްލުނު ދެ މީހުން ހޯދުމަށް އެމްއެންޑީއެފްގެ މަލޭ އޭރިއާ ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަންއިން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ދެ މީހުން ހޯދުމަށް ކޯސްޓްގާޑް ޝިޕް އިމާދުއްދީން އާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓުތަކުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ނަމަވެސް، ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާއިރު އެ ދެ މީހުން ފެނިފައިނުވާ ކަމަށް ބުނެފައިވެއެވެ.
އެ ހާދިސާ ހިނގި އިރު އުޅަނދުގައި ތިބީ ދެ ދިވެހީންނާއި އަށް ބިދޭސީންނެވެ. އޭގެ ތެރެއިން އަށް މީހުން ސަލާމަތްކޮށްގެން ވަނީ ގާފަރަށް ގެންގޮސްފައެވެ.
މި ދުވަސްވަރު ހުޅުނގު މޫސުމުގެ ބާރު ގަދަވެ، ވައިގަދަވެ، ކަނޑުތައް ވެސް ގަދެވެ ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން، ކަނޑު މަގުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އާއި ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

