މާލެ ސިޓީ ކައުންސިލަށް ލިބޭ ބޮޑު ބަޖެޓުން މަގެއްގައި ތާރު އެޅުމުގެ ކެޕޭސިޓީވެސް އެ ކައުންސިލުގައި ނެތްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މާލެ ސިޓީގެ މަގުތަކާއި ގުޅޭގޮތުން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މެމްބަރު ވަނީ އެންމެ ފަހުން މާލެ ސިޓީގެ ބަޖެޓު އާއްމުކުރިއިރު ސަތޭކަ ތިރީހާއި ސަތޭކަ ފަންސާސް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކަށް ފައިސާ ކައުންސިލަށް ލިބިފައިވާއިރު މަގުތަކުގެ ގާ ނަގައި ފޮރޮޅުން ނޫން އިތުރު ކަމެއް މާލޭ ސިޓީ ކައުންސިލުން ނުކުރާކަމަށް ވިދާޅުވެ، ސިޓީ ކައުންސިލުގެ ވިސްނުމުގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.
މެމްބަރު ވަނީ މާލޭގެ މަގުތައް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅެނީ ކިހިނެއްތޯ އާމެދު ސުވާލުކުރައްވާފައެވެ.
”އެންމެ ފަހުން މާލެ ސިޓީގެ ބަޖެޓު އާއްމުކުރިއިރު ސަތޭކަ ތިރީހާއި ސަތޭކަ ސާޅީސް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކަށް ފައިސާ ކައުންސިލަށް ލިބިފައިވާކަންވަނީ އިއުލާނުކޮށްފައި، އެކަމަކު މަގުތަކުގެ ގާނަގާ ފޮރޮޅުންނޫން އިތުރު ކަމެއް މާލޭ ސިޓީ ކައުންސިލުން ނުކުރޭ، މަގުތައް ހެދުމުގެ ވިސްނުމެއް ވެސް ނެތް“ މެމްބަރު އަހުމަދު ސަމީރު
މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ވެހިކަލްތަކުގެ އަހަރީ ފީގެ ގޮތުގައި ސިޓީ ކައުންސިލަށް ސަތޭކަ ފަންސާސް މިލިއަން ރުފިޔާ ލިބޭއިރު މަގެއްގައި ތާރު އެޅުމުގެ ކެޕޭސިޓީއެއްވެސް ކައުންސިލުގައި ނެތްކަމަށެވެ. އެގޮތުން މާލެ ސިޓީގައި ދުއްވާ ހުރިހާ ވެހިކަލެއްގެ އަހަރީ ފީ ލިބެނީ މާލެ ސިޓީ ކައުންސިލަށް ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެންމެ ކުޑަމިނުން ތާރުއަޅަން ކަނޑާލާފައި އޮންނަ މަގެއް ރަނގަޅުކުރުމުގެ ކެޕޭސިޓީއެއްވެސް އެ ކައުންސިލުގެ ނެތްކަމަށެވެ.
”ހުޅުމާލެ އާއި މާލެ ސިޓީގައި ދުއްވާ ހުރިހާ ވެހިކަލެއްގެ އަހަރީ ފީ ލިބެނީ މާލެ ސިޓީ ކައުންސިލަށް، އެހެންނަމަވެސް އެބޭފުޅުންގެ މައްޗަށް މަތިވެފައި އޮތް ކަމެއް މަގުތައް ހެދުމާއި މި ކަންކަމަކީ، އެންމެ ކުޑަމިނިނުން ސަރުކާރުން ތާރުއަޅަން ކަނޑާލާފައި އޮންނަ މަގެއް ހުއްދަދީ ކަނޑާލާފައި އެތަން ހަލާކުކޮށްލާފައި ދާއިރު އެތަން ރަނގަޅުކުރުމުގެ ކެޕޭސިޓީއެއްވެސް ސިޓީ ކައުންސިލުގެ ނެތް،“ މިނިސްޓަރ މުއްތަލިބު
މިނިސްޓަރ ވިދާޅުވީ މަގު ކަނޑައި، މަގު ހެދުމާ ބެހޭ އުސޫލުވެސް ސަރުކާރުން ސިޓީ ކައުންސިލާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް މަގެއް ހަލާކުވެއްޖެނަމަ އެ މަގެއް މަރާމާތުކުރަންޖެހެނީ ސަރުކާރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރުން ކައުންސިލުން ހުއްދަ ދީގެން މަގެއް ކަނޑައިފި ކަމަށް ވަނީނަމަ އެތަންވެސް މަރާމާތުކުރަންޖެހެނީ ސަރުކާރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އަމީނީމަގު އެކިއެކި ތަންތަން ކަނޑައި، ނުހަދައި ދޫކޮށްލާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މަގު ކަނޑައި، ހެދުމުގެ ގާބިލުކަން ކައުންސިލުގައި އޮންނަންވާނެކަމަށެވެ.
”މަގު މަރާމާތުކުރުން، ތާރު ކައްކާފައި އެޅޭނެ ކެޕޭސިޓީ ބިލްޑް ނުކުރުމަކީ ކައުންސިލުގެ ޒިންމާ އަދާ ނުކުރުމުގެ ގޮތުންކުރާ ކަމެއް. ސިޓީ ކައުންސިލަށް ލިބޭ ފައިސާ ދަނީ ކޮންތާކަށްތޯ އެބަ ބަލަންޖެހޭ،“ މުއްތަލިބު
މުއްތަލިބު ވިދާޅުވީ، ސިޓީ ކައުންސިލަށް ލިބޭ ފައިސާ ދާތަނެއް ބަލަންޖެހޭކަމަށެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީއަކީ މާލެ ސިޓީ ކައުންސިލުން ކުރާ މިފަދަ ކަންކަން ކުރަން އޮންނަ ވުޒާރާއެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ކައުންސިލުގެ ޒިންމާ އަދާނުކުރުމުގެ ސަބަބުން މަގުތަށް ހަލާކުވުމުން އެކަން ކުރަން ޖެހެނީ މިނިސްޓްރީން ކަމަށް މުއްތަލިބު ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ސިޓީ ކައުންސިލަށް 150 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން އަމީނީމަގުގެ އުތުރުފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. އަދި އަމީނީ މަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފެށުމަށް ޓަކައި ރޭ މެންދަމު 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސް، އާންމު ދަތުރުފަތުރަށް މަގު ވަނީ ބަންދުކޮށްފައެވެ. އަދި މަގުތައް ތަރައްޤީ ކުރެވުމުން އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

