ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފިއެވެ.
މި ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވާފައިވަނީ މިހާރު ތިއްބެވި މެންބަރުންގެ ދައުރު ހަމަވާން ކައިރިވެފައިވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ދެ ބޭފުޅުންނަކީ އާއިޝަތު އާރިފާ އާއި މުހައްމަދު އާރިފް އެވެ. އެލްޖީއޭގެ ބޯޑަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބަލަހައްޓާ މައި އިދާރާއެވެ.
އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ މުއްދަތު ހަމަވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެހެންކަމުން، އައު ބޯޑު އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ.
މީގެ އިތުރުން، އެލްޖީއޭ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުން ހޮވުމަށް ބާއްވާ އިންތިހާބު މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. މި އިންތިހާބު ފަސްކުރަން ޖެހުނީ ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމުގެ ސަބަބުން ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

