ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 294,000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބް ދެއްވަމުން ހޯމް މިނިސްތަފ އަލީ އިހުސާން ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ތިބި 295,678 ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކަލީ ދެނެގަނެވެނީ އެންމެ 27,200 މީހުންނެވެ. ނަމަވެސް، ފާއިތުވި މަސްތަކުގައި ކުރެވުނު ހަރުދަނާ މަސައްކަތްތަކާއެކު މި އަދަދު ވަނީ ބޮޑުތަނުން އިތުރުކުރެވިފައެވެ.
މިހާރު ކުރިއަށްދާ ޚާއްސަ އޮޕަރޭޝަންތަކާއި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގައި މިހާރު އައިޑެންޓިފައި ނުވެ ނުވަތަ ދެނެނުގަނެވި ތިބީ އެންމެ 1,102 ބިދޭސީންނެވެ. މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ބަޔޯމެޓްރިކްސް ނެގުމުގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކް ޕާމިޓްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތްވެސް ކަމާބެހޭ އިދާރާތަކުން ދަނީ ހަރުދަނާކަމާއެކު ކުރަމުންނެވެ.

